އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ތަރައްގީކޮށްފައި ހުރި ނޭޗާ ޕާކުތައް އިތުރަށް މަރާމާތުކޮށް، އަލުން އެ ތަންތަން ތަރައްގީކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.
މިނިސްޓްރީން ވަނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޚާއްސަ ތަމްރީނު ޕްރޮގްރާމު ވެސް މިހާރު ބާއްވާފައެވެ.
މި ތަމްރީން ޕްރޮގްރާމަކީ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް މެނޭޖްމަންޓް ޕްލޭން އަދި ގްރީވަންސް ރެޑްރެސް މެކޭނިޒަމް ތަންފީޒުކުރުމާ ގުޅޭގޮތުން ބޭއްވި ތަމްރީނެކެވެ. މި ތަމްރީނުގެ މައިގަނޑު ބޭނުމަކީ މަޝްރޫއު ކުރިއަށްދާއިރު، ތިމާވެއްޓާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ތަމްރީނާއެކު މަޝްރޫއު ކުރިއަށްދާ ހުރިހާ މަރުހަލާއެއްގައި ތިމާވެއްޓާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރެވި، ކަމާގުޅުންހުރި ފަރާތްތަކުގެ ބައިވެރިވުން އިތުރުވެ، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ޕްރޮގްރާމުގައި ދެ ސިޓީގެ ވެސް ނޭޗާޕާކުގެ މުވައްޒަފުންނާއި ކައުންސިލްތަކުގެ އިސް ބޭފުޅުންގެ އިތުރުން މަސައްކަތުގައި ހިއްސާވާ އެކި ބައިވެރީން ވަނި ބައިވެރިވެފައެވެ.
ރާއްޖޭގައި މާލެއަށް ފަހު އެންމެ ބޮޑު އާބާދީއެއް އޮންނަ ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން ދެ ސިޓީގެ ވެސް ނޭޗާ ޕާކަކީ ފަތުރުވެރިން ގެންދިޔުމަށް މުހިންމު ދެ ތަނެވެ.