ނަފުސާނީ އެހީ ފޯރުކޮށްދޭ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެ؛ އެހީ ބޭނުންވާނަމަ 911އަށް ގުޅޭނެ

މީހަކު މަގުމަތީގައި: ނަފުސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނެއްގެ ޚިދުމަތް ވަނީ މެދުކެނޑިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު މިނިސްޓްރީގެ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓްގެ ދަށުން ހިންގާ، ނަފުސާނީ އެހީ ފޯރުކޮށްދޭ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

މެންޓަލް ހެލްތު ޑިޕާޓްމެންޓުން މިއަދު ބުނި ގޮތުގައި، ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން، '1677' ހެލްޕްލައިންގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކެނޑިފައެވެ. އެ މައްސަލައާ ގުޅިގެން މި ވަގުތު ހެލްޕްލައިން މެދުވެރިކޮށް ފޯނު ކޯލްތަކަށް ޖަވާބުދާރީވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ޑިޕާޓްމެންޓުން ފާހަގަކުރިއެވެ.

އެ މައްސަލަ ހައްލުކުރުމަށް ހޭދަވާ މުއްދަތުގައި، ނަފުސާނީ ސިއްހަތާ ގުޅޭ ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެފައިވާނަމަ، ނުވަތަ މިފަދަ ކަމެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ނުރައްކަލެއް އޮތް ނަމަ، ލަސްނުކޮށް 911 އަށް ގުޅައި އެހީތެރިކަން ހޯދުމަށް މެންޓަލް ހެލްތު ޑިޕާޓްމެންޓުން ވަނީ އެދިފައެވެ.

"މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި ނުހަނު އިޚުލާސްތެރިކަމާއެކު މައާފަށް އެދެމެވެ. ޚިދުމަތްތައް އަލުން އިއާދަކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ." އެ ޑިޕާޓްމެންޓުން ބުނެފައިވެއެވެ.

މެންޓަލް ހެލްތު ޑިޕާޓްމެންޓުން ބުނީ، ހެލްޕްލައިންގެ ޚިދުމަތް އަލުން ފެށުމާއެކު، މި މުއްދަތުގެ ތެރޭގައި އެހީތެރިކަމަށް އެދިފައިވާ މީހުންނަށް، ހާލަތަށް ބަލައި އެ ޑިޕާޓްމެންޓުން ގުޅާނެ ކަމަށެވެ.

ސައުވީސް ގަޑިއިރު ޚިދުމަތް ދޭ ގޮތަށް، ނަފުސާނީ އެހީ ފޯރުކޮށްދޭން ހެލްޕްލައިންގެ ޚިދުމަތް ފެށީ ފެބްރުއަރީ 21، 2024ގައެވެ.

https://sun.mv/223752

ރާއްޖޭގައި ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ މަހުގެ 23ގައި ހެލްތު މިނިސްޓަރު ގީލާ ޢަލީ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ތިން އަހަރު 70،000 އަށް ވުރެ ގިނަ މީހުން ނަފްސާނީ ބައްޔަށް ފަރުވާ ދޭ ޑޮކްޓަރުންގެ އެހީތެރިކަން ހޯދައިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން އެހީތެރިކަން ހޯދި މީހުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މިދިޔަ އަހަރު އެކަނިވެސް ނަފުސާނީ އެހީ ފޯރުކޮށްދޭ ހެލްޕްލައިނަށް 10،000އަށް ވުރެ ގިނަ ކޯލް ލިބިފައިވާ ކަމަށް ގީލާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް