ޓިކްޓޮކާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދިވެހިންނަށް އަމާޒުކޮށްގެން، ވަރަށް ފަސޭހައިން ބަރުދަން ލުއިކުރެވޭނެ ކަމަށް ބުނެ ތަފާތު ޕައުޑަރުތަކާއި ސަޕްލިމެންޓްތައް އިޝްތިހާރުކުރުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. މިފަދަ ބައެއް އިޝްތިހާރުތަކުގައި، އެ ޕައުޑަރު ބޭނުންކުރުމުން މަހެއްގެ ތެރޭގައި އަށް ކިލޯ ހިއްކޭނެ ކަމަށާއި، ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށް ބުނެއެވެ. ނަމަވެސް، ސައިންސުގެ އަލީގައި ސާބިތުނުވާ މިފަދަ ޕްރޮޑަކްޓްތައް ވިއްކަމުންދާތީ، ސިއްހީ އަދި ފިޓްނެސް ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ އެކަކީ، ރާއްޖޭގެ ފިޓްނެސް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ އެކްސަސައިޒް ސައިންސް ކޯޗު އިސްމާޢީލް ފާޒިލް (ފިޓްފާޒިލް) އެވެ. ފިޓްނެސްގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ ފާޒިލްއަކީ ފުލުހުންނާއި ނަރުސްކަން ކިޔަވާ ކުދިންނަށް ވެސް މި ދާއިރާއިން ސެޝަންތައް ނަގައިދޭ ތަޖުރިބާކާރެކެވެ. އޭނާ ފާހަގަކުރި ގޮތުގައި، މަހެއްގެ ތެރޭގައި ވަރަށް ފަސޭހައިން އަށް ކިލޯ ލުއިކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެހާ އަވަހަށް ބަރުދަން ލުއިވާއިރު ވިރެނީ ހަމައެކަނި ސަރުބީ ނޫން ކަމަށެވެ. އޭގެ ބަދަލުގައި ހަށިގަނޑުން ފެނާއި، ގްލައިކޮޖެން އަދި މަސްތައް ވެސް ވިރިގެންދާ ކަމަށް އޭނާ ބުނެފައިވެއެވެ.
ވަރަށް އަވަހަށް ބަރުދަން ލުއިކުރުމަކީ ސިއްހީ ގޮތުން ނުރައްކާތެރި ކަމެއްކަން ފާހަގަކުރަމުން ފާޒިލް ބުނީ، އޭގެ ސަބަބުން ހަށިގަނޑުގެ މަސްތައް ވިރުމާއި، ވަރުބަލިވުމާއި، ނިއުޓްރިއެންޓްސް މަދުވުމުގެ އިތުރުން މެޓަބޮލިކް ރޭޓް ދަށްވުމާއި ގޯލްބްލެޑާ (ފިތް) ގައި ހިލަ އުފެދުން ފަދަ މައްސަލަތައް ދިމާވުން އެކަށީގެންވާ ކަމަށެވެ. ހަށިގަނޑުގެ މަސްތަކަކީ މީހާގެ ބާރާއި ހަރަކާތްތެރިކަމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވާއިރު، ބަރުދަން ލުއިކުރާއިރު މަސްތައް ރައްކާތެރިކުރުމަށް އިސްކަންދޭންޖެހޭނެ ކަމަށް އޭނާ ލަފާދިނެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކެއުމާއި ދިރިއުޅުމުގެ އާދަތަކަށް ބަދަލު ނުގެނެސް، ހަމައެކަނި ޕައުޑަރެއް ބޭނުންކޮށްގެން ހިކޭ މީހުން، އެ ޕްރޮޑަކްޓެއް ބޭނުންކުރުން ހުއްޓާލުމާއެކު އަލުން ބަރުވާކަން ވެސް އޭނާ ފާހަގަކުރިއެވެ.

ފިޓްނެސް ކޯޗް އިސްމާއިލް ފާޒިލް---
މިފަދަ ޕްރޮޑަކްޓްތައް ވިއްކާ ފަރާތްތަކުން ހަށިގަނޑު "ޑިޓޮކްސް" ކުރާ ކަމަށް ނުވަތަ ވިހަ މާއްދާތައް ބޭރުކުރާ ކަމަށް ބުނެ ކުރާ ދައުވާތަކަށް ރައްދުދެމުން ފާޒިލް ބުނީ، އިންސާނާގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން ވިހަ މާއްދާތައް ބޭރުކޮށްދޭ ގުނަވަންތަކަކީ ފުރަމޭ އަދި ގުރުދާ ކަމަށެވެ. އަދި ސިއްހަތު ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑު ޑިޓޮކްސް ކުރުމަށް މިފަދަ ފަތްޕިލާވެލީގެ ޕައުޑަރުތަކުން އެހީތެރިވެދޭކަން ސައިންސުން ސާބިތުވެފައި ނެތް ކަމަށް އޭނާ ބުންޏެވެ. ހަމައެއާއެކު، "ސައްތައިން ސައްތަ ގުދުރަތީ" ބާވަތްތަކަކީ އޭގެ ޒާތުގައި ރައްކާތެރި އަދި ސައިޑް އެފެކްޓްސް ނުހުންނަ އެއްޗެއް ނޫން ކަމަށާއި، ބައެއް ބޭސްތަކާއެކު ބޭނުންކުރުމުން ނުރައްކާތައް ކުރިމަތިވުން އެކަށީގެންވާ ކަމަށް ވެސް އޭނާ އިންޒާރުދިނެވެ.
އަންހެނުންނަށް ދިމާވާ ޕީސީއޯއެސް ނުވަތަ މިހާރުގެ ބައިނަލްއަގުވާމީ ނަމުން ނަމަ ޕީއެމްއޯއެސް ފަދަ މައްސަލަތަކަށް މި ޕައުޑަރުތަކުން ފަރުވާ ލިބޭ ކަމަށް ކުރާ ދައުވާތަކާ ގުޅިގެން ފާޒިލް ބުނީ، އެފަދަ ބަލިތަކުގެ އަސާސީ ފަރުވާއަކީ ދިރިއުޅުމުގެ އާދަތަކަށް ގެންނަ ބަދަލުތައް ކަމަށާއި، ބޭސް ބޭނުންކުރަން ޖެހޭނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އަދި ބަރުދަން ލުއިވުމާއި ހަށިގަނޑުގެ ސަރުބީ ވިރުމަކީ ތަފާތު ދެ ކަމެއްކަން ފާހަގަކޮށް، ކާމިޔާބުކަމާއެކު ބަރުދަން ކޮންޓްރޯލް ކުރެވޭނީ މަސްތައް ހިމާޔަތްކޮށް، ސަރުބީ ވިރުވައިގެން ކަމަށް އޭނާ ބުންޏެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި އެހެނިހެން ސިއްހީ އިދާރާތަކުން ލަފާދޭ ގޮތުގައި، ދެމެހެއްޓެނިވި އަދި ސިއްހަތަށް ފައިދާހުރި ގޮތެއްގައި ބަރުދަން ލުއިކުރެވޭނީ ހަފްތާއަކު ގާތްގަނޑަކަށް 0.5 ކިލޯ އިން ފެށިގެން އެއް ކިލޯއާ ދެމެދުގެ މިންވަރަކަށެވެ. މިއަށްވުރެ އަވަހަށް ބަރުދަން ލުއިކުރުމަކީ ހަށިގަނޑަށް ގެއްލުންދެނިވި ކަމެއް ކަމަށް ސިއްހީ މާހިރުން އެއްބަސްވެއެވެ. ފާޒިލް ވެސް ފާހަގަކުރި ގޮތުގައި، އެއްވެސް ސަޕްލިމެންޓަކީ ބެލެންސްޑް ޑައިޓަކާއި، ގަވާއިދުން ކުރާ ކަސްރަތާއި، ރެސިސްޓެންސް ޓްރެއިނިން އަދި އެކަށީގެންވާ މިންވަރަށް ޕްރޮޓީން ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޗެއް ނޫނެވެ.
އޭނާގެ މައިގަނޑު މަގުސަދަކީ ވަކި ވިޔަފާރިއަކަށް ނުވަތަ ފަރުދަކަށް ފާޑުކިޔުން ނޫން ކަމަށާއި، އާންމުންގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުން ކަމަށް ފާޒިލް ބުންޏެވެ. އޭނާ އެދެނީ، މިފަދަ ޕްރޮޑަކްޓްތައް ގަތުމުގެ ކުރިން، އެއީ ސައިންސުގެ އަލީގައި ސާބިތުވެފައިވާ، ކްލިނިކަލް ޓްރަޔަލްތަކުން ޔަގީންކުރެވިފައިވާ އެއްޗެއްތޯ އާންމުން ސުވާލުކުރުމަށެވެ. އަދި އަމިއްލަ ސިއްހަތާ ގުޅޭ ނިންމުންތައް ނިންމާއިރު، އިޝްތިހާރުތަކުގެ އަވައިގައި ނުޖެހި، ހެކީގެ މައްޗަށް ބިނާކޮށް ޒިންމާދާރު ނިންމުންތަކެއް ނިންމުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.
މި ކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ, މިފަދަ ޕްރޮޑަކްޓްތައް ހަދައި ވިއްކުމުގައި, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) ގެ އުސޫލު ފޮލޯ ކުރުމަށް މިފަދަ ތަކެތި ވިއްކާ ފަރާތަކަށް އަންގާފައިވާ ކަމަށެވެ.