ޓާމު ބަންދު ނިމެނީ، އަދި ދައްކަނީ ކަނޑު ގަދަވެ މޫސުން ގޯސްވާނެ ކަމަށް

ކަނޑުގަދަ ދުވަހެއް: މިއަދު ވެސް ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި -- ސަން ފޮޓޯ/ އިބްރާހީމް ނާއިޝް

ޓާމު ބަންދު ނިމެން ގާތްވެފައި ވާއިރު، ކަނޑުތައް ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތު ރާޅުތަކުގެ އުސްމިން ދިގުވުން އެކަަށީގެންވާ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ލަފާކޮށްފިއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ހަމަ އެހެންމެ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

އަދި ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގެ އުސްމިނެއްގައި ރާޅުތައް ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މިއަދަކީ މި ހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ބަންދު ނިމޭ ދުވަހެވެ. އަދި މާދަމާ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެއެވެ. އެހެންކަމުން ރަށްރަށުން މާލެ އައިސް ތިބި މީހުން ރަށްރަށަށް، އަދި މާލޭން ރަށްރަށަށް ދިޔަ މީހުން މާލެއަށް އެނބުރި އައުމަށްޓަކައި މި ދުވަސްވަރު އާންމުކޮށް ދަތުރު ކުރާނެއެވެ.

https://sun.mv/225408

ފާހަގަކުރެވޭ ގޮތުގައި ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް ދިޔަވެ، އެ އަތޮޅުގެ ގާފަރު ކައިރިއަށް އަޑިއަށް ގޮސް, އޭގެން ދަތުރު ކުރި ދެ މީހަކު އިއްޔެ ވަނީ ގެއްލިފައެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް