ކުރިއަށް އޮތް ދެތިން ދުވަހަށް ފަހު މޫސުން އަލިވާން ފަށާނެ: މެޓް

ބޯ ވިއްސާރައިގައި މީހަކު ކޯޓެއް ލައިގެން -- ސަންފޮޓޯ/ ނާއިލް ހުސައިން

ކުރިއަށް އޮތް ދެތިން ދުވަހުގެ ފަހުން މޫސުން އަލިވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް މިހާރު އަންނަނީ ކުރަމުންނެވެ. މި ވިއްސާރައިގައި އެކި ސަރަހައްދުތަކަށް ގެއްލުންތައް އަންނަނީ ލިބެމުންނެވެ.

'ސަން'އަށް މައުލޫމާތު ދެމުން މެޓުން މިރޭ ބުނީ، އުތުރާއި މެދުރާއްޖެތެރެއަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ވިއްސާރަ ކުރާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް އެހާ މޫސުން ގޯސް ނުވާނެ ކަމަށެވެ.

މިގޮތުން، ދެކުނުގެ އަތޮޅުތަކަށް އަށް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެނިހެން ސަރަހައްދުތަކަށް ވައި ޖެހޭނީ ދިހަ މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.

ކަނޑު ގަދަ ދުވަހެއްގައި އުޅަނދުތަކެއް ދަތުރުކުރަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

އެއީ، މިދިޔަ ދުވަސްތަކާ އަޅާބަލާއިރު، ވައިގެ ބާރުމިން ދަށް އަދަދުތަކެއްކަން އެ އިދާރާއިން ފާހަގަކުރިއެވެ.

އެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، ދެކުނުގެ ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މަޑުވާނެއެވެ. އެކަމަކު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

ވިއްސާރަ އަލިވާން ފަށާނެ ދުވަހަކާ ގުޅޭ ގޮތުން ސުވާލުކުރުމުން މެޓުން ބުނީ، ކުރިއަށް އޮތް ދެތިން ދުވަހު މެދުރާއްޖެ ތެރެއާއި އުތުރަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވުނު ނަމަވެސް އޭގެ ފަހުން އެހާ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ނުދައްކާ ކަމަށެވެ.

ބޮޑު ބަންދަކަށް ފަހު މާދަމާ ސުކޫލުތައް ހުޅުވޭއިރު، ގިނަ ބަޔަކު އަންނަނީ ދަތުރުކުރަމުންނެވެ. އެހެންކަމުން، މޫސުމަށް ސަމާލުވުން މުހިންމެވެ.

comment ކޮމެންޓް