އެމެރިކާގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން ޗައިނާގެ އަސްކަރީ ނިޒާމުތައް ވަރުގަދަކުރަނީ

ޗައިނާއިން މި ކަމުގައި އާންމުކޮށް ބޭނުންކުރަނީ "މޮޑެލް ޑިސްޓިލޭޝަން" ނަމަކަށް ކިޔާ އުކުޅެއް --- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތައް ކަމަށްވާ އޯޕަންއޭއައި އާއި އެންތުރޯޕިކްގެ މޮޑެލްތަކުން ނެރޭ ނަތީޖާތައް ބޭނުންކޮށްގެން، ޗައިނާގެ އަސްކަރީ ތަހުލީލުވެރިން އެ ގައުމުގެ ދިފާއީ ނިޒާމުތައް ތަމްރީނުކުރަމުންދާކަން ހާމަވެއްޖެއެވެ.

ޗައިނާގެ އެކަޑެމިކް ދިރާސާތަކާއި ޕޭޓެންޓްތަކާ ހަވާލާދީ ރޮއިޓާސްއިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، އެމެރިކާއިން އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޗިޕްތައް ޗައިނާއަށް ލިބުން މަނާކުރުމަށް ފިޔަވަޅުތައް އަޅަމުންދިޔަ ނަމަވެސް، ޗައިނާގެ އަސްކަރިއްޔާއިން ދަނީ އެމެރިކާގެ ކުރިއަރާފައިވާ މޮޑެލްތަކުގެ އެހީގައި އެ ގައުމުގެ އަމިއްލަ ނިޒާމުތައް އަވަސް ކާމިޔާބީއަކާ ހަމައަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ.

މި ކަމުގައި އާންމުކޮށް ބޭނުންކުރަނީ "މޮޑެލް ޑިސްޓިލޭޝަން" ނަމަކަށް ކިޔާ އުކުޅެކެވެ. މިއީ ބާރުގަދަ އަދި ބޮޑެތި އޭއައި މޮޑެލްތަކުން ނެރޭ މައުލޫމާތާއި ވިސްނުން ބޭނުންކޮށްގެން، މަދު ކޮމްޕިއުޓިން ބާރަކުން ހިންގޭނެ ކުދި އަދި ޚާއްސަ މޮޑެލްތައް އުފެއްދުމުގެ ނިޒާމެކެވެ.

ވޮޝިންގްޓަންގެ ޖޭމްސްޓައުން ފައުންޑޭޝަނުން އެއްކުރި ދިރާސާތަކުން ދައްކާ ގޮތުގައި، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އާއި އަސްކަރީ އިދާރާތަކާ ގުޅުންހުރި ދިރާސާވެރިން މިއުކުޅު ފުޅާދާއިރާއެއްގައި ބޭނުންކުރެއެވެ.

އަސްކަރީ ސިއްރު ކޯޑުތައް ޕްރޮސެސްކުރުމަށް ބޭނުންކުރަނީ އޯޕަންއޭއައިގެ ޖީޕީޓީ-3.5 މޮޑެލް --- ފޮޓޯ: ރޮއިޓާސް

ޕީއެލްއޭގެ އިންޓެލިޖެންސް އަދި ސައިބާ-ވޯފެއާ ޔުނިޓަކުން ޝާއިޢުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، އަސްކަރީ ސިއްރު ކޯޑުތައް ޕްރޮސެސްކުރުމަށް އޯޕަންއޭއައިގެ ޖީޕީޓީ-3.5 ބޭނުންކޮށްފައިވެއެވެ.

ބޭރުގެ މޮޑެލްތަކަށް ސިއްރު މައުލޫމާތު އެކްސެސް ނުކުރެވޭތީ، އެ މޮޑެލް މެދުވެރިކޮށް ކޯޑުތަކުގެ ޚުލާޞާ ހެދުމަށްފަހު، އެ ޚުލާޞާތައް ބޭނުންކޮށްގެން ޗައިނާގެ އަސްކަރީ ނެޓްވޯކްގެ އެތެރޭގައި އެކަނި ހިންގޭނެ އަމިއްލަ މޮޑެލްއެއް ވަނީ ތަމްރީނުކޮށްފައެވެ.

މީގެ އިތުރުން ނޯތު ޔުނިވާސިޓީ އޮފް ޗައިނާއާއި ޕީއެލްއޭގެ ނޭޝަނަލް ޔުނިވާސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީގެ ދިރާސާވެރިން ވަނީ އެންތުރޯޕިކްގެ ކްލޯޑް މޮޑެލް ބޭނުންކޮށްގެން ސޯޝަލް މީޑިއާ މޮނިޓަކުރުމަށާއި، އަދި އަންމޭންޑް އޭރިއަލް ވެހިކަލް (ޑްރޯން) ތަކުގައި މުވާސަލާތީ ގުޅުން ކެނޑޭ ހާލަތްތަކުގައިވެސް ވަގުތުން ވަގުތަށް ވީޑިއޯ އެނަލައިޒްކޮށް ހަމަލާދޭނެ އަމާޒުތައް ކަނޑައެޅޭނެ ނިޒާމުތައް ކުދި މޮޑެލްތަކަށް ބަދަލުކޮށްފައެވެ.

އެމެރިކާގެ މަސްއޫލުވެރިން ވަނީ ޗައިނާއިން އެމެރިކާގެ އޭއައި މޮޑެލްތަކުން ޤާނޫނާ ޚިލާފަށް މައުލޫމާތު ނަގައިގެން އެކްސްޕޯޓް ކޮންޓްރޯލްތަކާ ޚިލާފުވަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޗައިނާއިން މި ތުހުމަތުތައް ދޮގުކުރަމުން ބުނެފައިވަނީ އެމެރިކާއިން މަސައްކަތްކުރަނީ އޭއައިގެ ދާއިރާއިން ބާރުގަދަކޮށް އެހެން ގައުމުތަކަށް ފުރުސަތު ހަނި ކުރަން ކަމަށެވެ.

އޭއައި ކުންފުނިތަކުން ވެސް ބުނާ ގޮތުގައި ޑިސްޓިލްކޮށްގެން އުފައްދާ މޮޑެލްތަކަށް އަސްލު މޮޑެލްގެ ހުރިހާ ޤާބިލުކަމެއް ނުލިބުނު ކަމުގައިވިޔަސް، އަސްކަރީ ކަންކަމުގައި މަދު ޚަރަދަކުން ނަތީޖާ ނެރުމަށް މިއީ ބޮޑު އެހީއެކެވެ.

އަނެއްކޮޅުން އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ދަނީ ޗައިނާއަށް އެންމެ ފަހުގެ އޭއައި ޓެކްނޮލޮޖީއާއި ޗިޕްތައް ފޯރުކޮށްދިނުން ހުއްޓުވުމަށްޓަކައި އެކްސްޕޯޓް ކޮންޓްރޯލްތައް ވަރުގަދަކުރަމުންނެވެ. ނަމަވެސް، އޯޕަން ސޯސް މޮޑެލްތަކާއި އަދި އޭޕީއައި މެދުވެރިކޮށް އާންމުކޮށް ލިބެންހުންނަ އޭއައި ނިޒާމުތައް ބޭނުންކޮށްގެން މައުލޫމާތު ނެގުން ނުވަތަ "ޑިސްޓިލް" ކުރުން ހުއްޓުވުމަކީ ޓެކްނޮލޮޖީ ކުންފުނިތަކަށް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އަސްކަރީ ކަންކަމުގައި އޭއައި ބޭނުންކުރުން ހުއްޓުވުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކަށް މިފަދަ އުކުޅުތަކުގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ދަނީ ކުރިމަތިވަމުންނެވެ.

comment ކޮމެންޓް