ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ ފިލްމު "ޖަންނަތު" ކާމިޔާބު ކަމާއެކު ޕްރިމިއާކޮށްފިއެވެ.
އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު މެސެޖަކާއެކު ގެނެސްދިން މި ފިލްމަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
ބެލުންތެރިންގެ ލޮލުން ކަރުނަ ހިލުވައިލި އަސަރުގަދަ މަންޒަރުތަކަކާއެކު ދެއްކި މި ފިލްމަކީ އޯޓިޒަމް ހުންނަ ފަރާތްތަކަށް މުޖުތަމައުގެ ބަލައިގަތުމާއި އަޅާލުން ބޭނުންވާ މިންވަރު ވަރަށް ފުރިހަމައަށް ދައްކުވައިދޭ، އިޖުތިމާއީ ބޮޑު މެސެޖެއް އެކުލެވޭ އުފެއްދުމެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ 'އިމޯޝަނަލް' ޑްރާމާއަކާއި މުހިންމު އިޖުތިމާއީ މައްސަލައެއް ގުޅުވާލައިގެންނެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ ފިލްމު "ޖަންނަތު" ގެ ޕްރިމިއާ ނައިޓް -- ފޮޓޯ: ޑާކް ރެއިން އެންޓަޓެއިންމަންޓްމި ފިލްމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ "ޖިބްރާން" ގެ ރޯލުން ފެނިގެންދިޔަ ޝަރަފުގެ މޮޅު އެކްޓިންއެވެ. ޝަރަފްގެ އެކްޓިންއަކީ އިހުސާސްތަކުން ފުރިގެންވާ، އިޚްލާސްތެރި އަދި އެހާމެ ފުން އަސަރުތަކެއް އެކުލެވޭ ކުޅުމެކެވެ. އަދި ފިލްމުގެ ލީޑް ރޯލު "ޖަންނަތު" ކުޅުނު ކުއްޖާ ވަނީ ޖަންނަތުގެ ރޯލު ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ.
މީގެ އިތުރުން، އައިޝަތު ޔާދާ އާއި ކޮޕީ އިއްސެގެ ވަކީލުކަމުގެ ރޯލުތަކަކީ ފިލްމުގެ ކޯޓު ރޫމް މަންޒަރުތަކަށް އިތުރު ފުރިހަމަކަމެއް ގެނުވައިދިން ބައިތަކެކެވެ. އެ މަންޒަރުތަކުން މިއަދުގެ ހަގީގީ ކޯޓު ރޫމްތަކުގެ މާހައުލު ވަރަށް ފުރިހަމައަށް ސިފަވެގެންދެއެވެ.
ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ ފިލްމު "ޖަންނަތު" ގެ ޕްރިމިއާ ނައިޓް -- ފޮޓޯ: ޑާކް ރެއިން އެންޓަޓެއިންމަންޓްމި ފިލްމުން ފެނިގެންދިޔަ އެކްޓަރުންގެ މޮޅެތި އެކްޓިންގެ އިތުރުން، ފިލްމުގެ ޑައިރެކްޝަނާއި ސިނަމެޓޮގްރަފީ ވެސް ވަރަށް ފުރިހަމައެވެ. މަންޒަރުތައް ފްރޭމްކޮށްފައިވާ ގޮތާއި ވާހަކަ ކުރިއަށް ގެންގޮސްފައިވާ އޮމާންކަމުގެ ސަބަބުން، ފެށުނީއްސުރެ ނިމެންދެން ބެލުންތެރިން ފިލްމުގެ ތެރެއަށް ގެނބިގެންދާ ފަދަ ސިނަމެޓިކް ތަޖުރިބާއެއް ލިބިގެންދިޔައެވެ.
"ޖަންނަތު" އަކީ ހަމައެކަނި މުނިފޫހިފިލުވައިދޭ ފިލްމެއް ނޫން، މިއީ އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހައްގުގައި އަޑުއުފުލައި، އެމީހުންނަށް އިހުތިރާމާއި ލޯތްބާއެކު މުޖުތަމައުން ޖާގަ ހޯދައިދިނުމަށް ގޮވާލާ ވަރުގަދަ މެސެޖެއްދޭ ފިލްމްކެވެ.