އޯޕަންއޭއައި އާއި އެންތްރޯޕިކްގެ އޭއައި އޭޖެންޓުންގެ ސައިބަރ ސެކިއުރިޓީ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
އިނގިރޭސިވިލާތުގެ އޭއައި ސެކިއުރިޓީ އިންސްޓިޓިއުޓް (އޭއައިއެސްއައި) އިން ހާމަކޮށްފައިވާ ގޮތުގައި، އޯޕަންއޭއައި އާއި އެންތްރޯޕިކްގެ އެންމެ ފަހުގެ އޭއައި އޭޖެންޓުން ޓެސްޓު ކުރުމުގެ ތެރޭގައި ހުއްދަ ނެތި ރައްކާތެރި ސިސްޓަމްތަކަށް ވަނުމަށްޓަކައި ދޮގު އޮންލައިން ހައިސިއްޔަތުތައް އުފައްދާފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ.
އޭއައިއެސްއައި އިން ބުނި ގޮތުގައި އެންތްރޯޕިކްގެ 'މިތޯސް 5' އާއި އޯޕަންއޭއައިގެ 'ޖީޕީޓީ-5.6-ސޯލް' މޮޑެލްތަކުން ހިންގާ އޭޖެންޓުން ސެކިއުރިޓީ އިވެލުއޭޝަންތަކުގެ ތެރޭގައި ހުއްދަ ނެތް އަމަލުތައް ހިންގާފައިވެއެވެ. އަދި ޓެސްޓު ކުރެވުނު ބައެއް އޭޖެންޓުން ހަގީގީ މީހުންނާއި ޖަމާއަތްތަކަށް އަމާޒުކޮށްގެން ގެއްލުން ދެނިވި ހަރަކާތްތައް ހިންގާފައިވާ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.
މި ރިޕޯޓުން ހާމަވަނީ ކުންފުނިތަކުން ވިޔަފާރީގެ މުސްތަގުބަލު ކަމަށް މާކެޓް ކުރަމުންދާ އޭއައި އޭޖެންޓުން ޓެސްޓު ކުރުމުގެ ޕްރޮސެސްގައި ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކޮށްފައިވާ މިންވަރެވެ. އޭއައިއެސްއައި އިން މި ޓެސްޓުތައް ހަދާފައިވަނީ ހިޔާލީ ސައިބާ ސެކިއުރިޓީ ސެނާރިއޯއެއް ބޭނުންކޮށްގެން ކަމަށްވާއިރު، ޖުމްލަ 122 ފަހަރު ހިންގި ޗެލެންޖްގެ ތެރެއިން 10 ޓެސްޓު ރަންއެއްގައި ހުއްދަ ނެތް 19 އަމަލެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން 17 އަމަލަކީ އެންތްރޯޕިކްގެ އޭޖެންޓު ހިންގި އަމަލުތަކަށްވާއިރު، ދެ އަމަލަކީ އޯޕަންއޭއައިގެ އޭޖެންޓު ހިންގި އަމަލުތަކެވެ.
އެންމެ ބޮޑަށް ފާހަގަކުރެވުނު މައްސަލައިގައި އޭޖެންޓަކު ނުރައްކާތެރި ކޯޑެއް ލިޔެ، އެ ކޯޑު އިންސާނަކު ލައްވައި އެޕްރޫވް ކުރުވުމަށްޓަކައި ދޮގު އޮންލައިން ހައިސިއްޔަތުތަކެއް އުފައްދާފައިވާ ކަމަށް އޭއައިއެސްއައި އިން ބުނެއެވެ. ނަމަވެސް، މި ސެކިއުރިޓީ ބްރީޗްތަކުގެ ސަބަބުން ހަގީގީ ދުނިޔޭގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ އިންސްޓިޓިއުޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
އޭއައިއެސްއައި އިން ދޮގު ހައިސިއްޔަތު އުފެއްދީ ކޮން ކުންފުންޏެއްގެ އޭޖެންޓެއް ކަން ސީދާ ބުނެފައި ނުވި ނަމަވެސް، އެއީ އޯޕަންއޭއައި އިން އާންމުކޮށްފައިވާ ދެ މައްސަލައާ ގުޅޭ ކަމެއް ނޫން ކަމަށް ބެލެވެއެވެ. ކެލިފޯނިއާގެ ރިސާޗް ޖަމްއިއްޔާއެއް ކަމަށްވާ ސިވްއޭއައިގެ ރިސާޗަރު އެންޑްރޫ ޔޫން ވިދާޅުވި ގޮތުގައި އެއީ އެންތްރޯޕިކްގެ 'މިތޯސް' އޭޖެންޓު ކަމަށް ބެލެވޭ އަދި މިއީ އެންތްރޯޕިކްއަށް އެ މޮޑެލްތަކުގެ މައްޗަށް އޮތް ކޮންޓްރޯލް އެކަށީގެންވާ ވަރަށް ނެތްކަން ދައްކުވައިދޭ ކަމެކެވެ.
މި މައްސަލައާ ގުޅިގެން އެންތްރޯޕިކް އިން 'އެކްސް' ގައި ބުނެފައިވަނީ އޭއައިއެސްއައި އާއެކު ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އިތުރު ތަފްސީލު ހޯދުމަށް އަމިއްލަ ތަހުގީގެއްވެސް ފަށާފައިވާ ކަމަށެވެ. އަނެއްކޮޅުން އޯޕަންއޭއައި އިން ވަނީ އެ ކުންފުނީގެ އޭޖެންޓުގެ ދެ އަމަލަކީވެސް ޕްރޮމްޕްޓުގައި މަނާކޮށްފައި ވަނިކޮށް އިންޓަނެޓަށް ވަނުމަށް ކުރި މަސައްކަތްތަކެއް ކަމަށް ބުނެފައެވެ.
ކުރިއަށް އޮތް ހަފްތާތަކުގައި ގައުމީ އޭއައި އިންސްޓިޓިއުޓްތަކާއި، މިނިވަން އިވެލުއޭޓަރުން އަދި އޭއައި ލެބޯޓަރީތައް އެއްކޮށް، ހައި-ރިސްކް އިވެލުއޭޝަންތައް ރައްކާތެރިކަމާއެކު ކުރުމަށްޓަކައި އިންޑަސްޓްރީގެ އާންމު އުސޫލުތައް ހަރުދަނާ ކުރަން މަސައްކަތް ކުރާނެ ކަމަށް އޯޕަންއޭއައި އިން ވަނީ ހާމަކޮށްފައެވެ. އިތުރަށް އޯޕަންއޭއައި އިން ބުނި ގޮތުގައި ތިންވަނަ ފަރާތެއްގެ ޓެސްޓިންގ ޕްރޮވައިޑަރެއް ކަމަށްވާ 'އިރެގިއުލާ' ގެ ސިސްޓަމަށް ދިމާވި މިސްކޮންފިގްރޭޝަން މައްސަލައަކާ ހުރެ އޭޖެންޓުން ވަނީ މަގުން ކަސިޔާރުވެ އިންޓަރނެޓަށް ކަނެކްޓްވެފައެވެ.
މިދިޔަ ޖުލައި މަހު ހަގިން ފޭސް އަށް އޯޕަންއޭއައިގެ އޭޖެންޓަކު ވަދެގަތް މައްސަލައާ ހިލާފަށް، އޭއައިއެސްއައި ގެ މި ޓެސްޓުގައި އޭޖެންޓުން ވަކިކުރެވިފައިވާ ޓެސްޓިން މާހައުލުން ބޭރަށް ނުކުމެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ އޭޖެންސީގެ އާންމު ޓެސްޓިން އުސޫލުތަކާ އެއްގޮތަށް އޭޖެންޓުންނަށް އިންޓަނެޓް އެކްސެސް ދީފައިވަނީ ސީދާ އޭއައިއެސްއައި އިން ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.