މިދިޔަ ޖޫން މަހު ޑައިރެކްޓަރު އިމްތިއާޒް އަލީ ގެނެސްދިން ފިލްމު "މޭ ވާޕަސް އާއޫގާ"ގެ މުހިއްމު ރޯލްތަކުން ފެނުނު ޒުވާން ދެ ތަރިން ކަމަށްވާ ވެދާންގް ރައިނާ އާއި ޝަރްވާރީ ވާގްއާ އެކު އިމްތިއާޒު އިތުރު ފިލްމެއް އުފައްދަން ނިންމައިފިއެވެ.
މި ފިލްމާ ގުޅޭގޮތުން ޕިންކްވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ވަނީ އެންމެ ފަހު މަރުހަލާގައެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
ފިލްމުގެ ސްކްރީންޕްލޭއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މިހާރު ކުރިއަށްދަނީ ފިލްމު ކުޅޭނެ ތަންތަން ކަނޑައެޅުމާއި ޝޫޓިންގް ރޭވުމުގެ ފަންނީ މަސައްކަތްތައް ކަމަށް ޕިންކްވިލާގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި ވަކި ނަމެއް ދީފައިނުވާ މި ފިލްމަށް ޝަރުވަރީ އާއި ވެދާންގް ހަމަޖެއްސީ، ފިލްމުގެ ވާހަކައާ އެ ދެ ތަރިން ވަރަށް ބޮޑަށް ގުޅޭތީ ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ފިލްމު "މޭ ވާޕަސް އާއޫގާ"ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ
މި ފިލްމުގެ ވާހަކައާއި ނަން އަދިވެސް ސިއްރުކޮށްފައި އޮތް ނަމަވެސް، މިއީ އިމްތިއާޒްގެ ފިލްމުތަކުން އާންމުކޮށް ފެންނަ ފަދަ، އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާވެފައިވާ ފިލްމެއް ކަމަށް ހަބަރުތައް ބުނެއެވެ. ފިލްމުގެ ޝޫޓިން ފެށުމާއެކު، ފިލްމުގެ ނަމާއި ފުރަތަމަ ފެނިލުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޝަރުވަރީ އާއި ވެދާންގްގެ "މޭ ވާޕަސް އާއޫގާ"އިން ފެނިގެންދިޔަ ކެމިސްޓްރީއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ދެ ތަރިން އަލުން އެކުގައި މަސައްކަތްކުރާ ދެ ވަނަ ފިލްމަށް ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރާނެ ކަމަށް ބެލެވެއެވެ.
ފިލްމީ ތަރިން ކަމަށްވާ ދިލްޖީތު ދޮސާންޖް އާއި ނަސީރުއްދީން ޝާހު ވެސް މުހިންމު ރޯލުތަކުން ފެންނަ "މޭ ވާޕަސް އާއޫގާ" މި އަންނަ ހުކުރު ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރާނެއެވެ.
ޚަބަރުތައް ބުނާގޮތުގައި މި ފިލްމު އޮންލައިންކޮށް ރިލީޒްކުރި ނަމަވެސް، ސިނަމާތަކުގައި ވެސް ފިލްމު ދެއްކުން ކުރިއަށްދާނެއެވެ. އެހެންކަމުން ބެލުންތެރިންނަށް ސިނަމާގައި ނުވަތަ ގޭގައި ތިބެގެން ވެސް މި ފިލްމު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.