ދެކުނު އިންޑިއާގެ އޭ ލިސްޓު އެކްޓަރު އައްލޫ އަރުޖުން އާއި ޑައިރެކްޓަރު އެޓްލީ ގުޅިގެން އުފައްދާ، ފިލްމު "ރާކާ" ދެ ބަޔަކަށް ބަހާލައިގެން ނެރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޚަބަރުތައް ބުނެފިއެވެ.
މި މަޝްރޫއާ ގުޅުންހުރި މަސްދަރަކުން 'ބޮލީވުޑް ހަންގާމާ'އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، "ރާކާ"ގެ މަސައްކަތް ކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް ނަގާފައިވާ މަންޒަރުތައް އާދައިގެ ތިން ގަޑިއިރުގެ ފިލްމަކަށް ފެއްތުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
އެހެންވެ ޖުލްމަ 800 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ ވާހަކަ ދިގުވުމުގެ ސަބަބުން، މިއީ އެންމެ ފިލްމަކަށް ފެއްތުމަށްވުރެ ބޮޑު މަޝްރޫއެއްގެ ގޮތުގައި މިހާރު ވަނީ ބެލެވެން ފަށާފައެވެ.
ކުރިއަށް އަދިވެސް ހަތަރު މަސްދުވަހުގެ މަސައްކަތް އޮތުމާ އެކު، މުޅި ވާހަކަ އެއްކޮށް ފުރިހަމަކުރުމަށްޓަކައި ދެ ބަޔަކަށް ބަހާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޕްރޮޑަކްޝަން ޓީމުން ދެކެއެވެ. ނަމަވެސް، މިކަމާ މެދު ވަކި ގޮތެއް ނިންމާނީ ޝޫޓިންގް އެއްކޮށް ނިމުމުން، ޑައިރެކްޓަރު އެޓްލީގެ އިރުޝާދުގެ ދަށުންނެވެ.

ފިލްމު "ރާކާ"ގެ ކާސްޓުގައި ހިމެނޭ ބައެއް ތަރިން ކަމަށްވާ އައްލޫ އަރުޖުން، ރަޝްމިކާ މަންދަންނާ އަދި ދީޕިކާ ޕަދުކޯން--ފޮޓޯ/އެންޑީޓީވީ
އައްލޫ އަރުޖުން އާއި މި ފިލްމުގެ އެހެން ތަރިންވެސް ތިބީ އެޓްލީގެ މި ތަަަސައްވަރަށް ފުރިހަމައަށް އިތުބާރުކޮށްގެންނެވެ. އަންނަ އަހަރުގެ ކުރީކޮޅު ލޯކޭޝް ކަނަގަރާޖްގެ ފިލްމަކާ އައްލޫ ގުޅުމުގެ ކުރިން، މިއަހަރުގެ ޑިސެމްބަރާ ހަމައަށް އޭނާ ވަނީ މި ފިލްމަށް ވަގުތު ހުސްކޮށްފައެވެ.
ގިނަ އަދަދެއްގެ ވީއެފްއެކްސް މަންޒަރުތައް ހިމެނޭ މި ފިލްމުގެ މަސައްކަތް 2027 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ދެމިގެންދާނެ ކަމަށް ބެލެވޭއިރު، ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ފަހުކޮޅުއެވެ.
މި ފިލްމު އުފައްދާ ސަން ޕިކްޗާސްއިން ފިލްމު ދެ ބަޔަކަށް ބަހާލަން ބޭނުންވާއިރު އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ، ވާހަކަ ކިޔައިދިނުމުގައި ޑައިރެކްޓަރަށް ފުރިހަމަ މިނިވަންކަން ދިނުމަށާއި، ފިލްމަށް ކުރި ބޮޑު ހޭދަ އަނބުރާ ހޯދުމަށް ފަސޭހަވާނެ މަގުފަހިކޮށްދިނުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ނަމަވެސް، މިއީ ކޮންމެވެސް ވަރެއްގެ ނުރައްކަލެއް އެކުލެވޭ ކަމެކެވެ. ސަބަބަކީ ދެވަނަ ބައިގެ ކާމިޔާބީ ބިނާވެފައި އޮންނާނީ ފުރަތަމަ ބަޔަށް ބެލުންތެރިން ދޭ ތަރުހީބުގެ މައްޗަށް ކަމަށްވާތީއެވެ.
މިފަދަ ބަދަލެއް ދާދި ފަހުން ރިލީޒްކުރި ރަންވީރު ސިންގްގެ ފިލްމު "ދުރަންދަރު" އަށްވެސް ވަނީ ގެނެސްފައެވެ. އެ ފިލްމުވެސް ފުރަތަމަ އެއް ފިލްމެއްގެ ގޮތުގައި ނެރެން އުޅުނު ނަމަވެސް، ފަހުން ދެ ބަޔަކަށް ބަހާލައިގެން ނެރުމުން ވަނީ ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
އިންޑިއާގެ ސިނަމާގެ ފެންވަރު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ފިލްމު "ރާކާ"އިން އައްލޫ އަރުޖުންގެ އިތުރުން ދީޕިކާ ޕަދުކޯން، މްރޫނާލް ތާކޫރު، ރަޝްމިކާ މަންދަންނާ އަދި ޖާންވީ ކަޕޫރު ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.