ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ސްކޫލްތައް ބަންދުކޮށްފި

ސްރީލަންކާގެ ސްކޫލްކުދިން

ކޮލަންބޯ (6 އޮގަސްޓް 2026) : ސްރީލަންކާއަށް ކުރަމުންދާ ގަދަ ވިއްސާރައާއެކު ފެންބޮޑުވުމާއި ކިސަޑުއާއި ފަސްގަނޑު ފޭބުމުގެ ގިނަ ހާދިސާތަކެއް ހިނގަމުންދާތީ އެ ގައުމުގެ ބައެއް ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންތައް ލިބެމުންދަނީ ސައިފަތް ދަނޑުތައް ހުންނަ ސަރަހައްދުތަކަށެވެ. މިއީ އެގައުމުގެ މެދުތެރޭގައިވާ ހައިލޭންޑް ސަރަހައްދުތަކެވެ. ނުވަރައެލިޔައާއި ބަދުއްލަ ހިމެނޭ ސަރަޙައްދުތަކެވެ.

ސެންޓްރަލް ހައިލޭންޑް ސަރަޙައްދުތަކުގައި ނުވަރައެލިޔައާއި ބަދުއްލަ ފަދަ ސަރަހައްދުތަކުގައި ކިސަޑުއާއި ފަސްގަނޑު ފޭބުމުގެ ހާދިސާތައް ހިނގަމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުތަކުގެ ސްކޫލްތައް މިހާރުވަނީ ބަންދުކޮށްފައި ކަމަށް ސްރީލަންކާ ސަރުކާރުން އިއްޔެވަނީ ބުނެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ހަތް މީހަކު މަރުވެ 129 ގެއެއް ވަނީ ހަލާކުވެފައެވެ. އަދި 3,500 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު ގިނަ ދަނޑުތަކެއްވެސްވަނީ ހަލާކުވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ގެދޮރުން ނުނިކުމެވި ތާށިވެފައިވާ އެތައް ހާސް ބަޔަކު ސަލާމަތް ކުރުމަށް ސްރީލަންކާގެ ސިފައިންގެ ލަޝްކަރުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ސެންޓްރަލް ހައިލޭންޑް ސަރަހައްދުގެ ގެއަކަށް ފެންވަދެފައި

މިދިޔަ އަހަރުގެ ފަހުކޮޅު ސްރީލަންކާއަށް އެރި ތޫފާން 'ދިތުވާ' ގެ ސަބަބުންވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސެންޓްރަލް ހައިލޭންޑް ސަރަޙައްދުތަކަށެވެ. އެ ތޫފާންގައި ސްރީލަންކާއިން 600 އަށް ވުރެގިނަމީހުން މަރުވެ ބައިލައްކައަށް ވުރެގިނަ މީހުން ހާލުގައި ޖެހުނުއިރު އެންމެ ގިނައިން މީހުން މަރުވީ މިސަރަހައްދުތަކުންނެވެ.

ބިންގަނޑު ކަނޑައިގެން ދިޔުމާއި ކިސަޑު ފޭބުމުގެ ނުރައްކާތެރި ހާދިސާތައްވެސް އެންމެ ބޮޑަށް ހިނގީ ސެންޓްރަލް ހައިލޭންޑް ސަރަޙައްދުތަކުގައެވެ. އެ ތޫފާންގައި ލިބުނު ގެއްލުން ހަތަރު ބިލިޔަން ޑޮލަރަށް ވުރެ ބޮޑެވެ.

ސްރީލަންކާގެ އިތުރުން އަވަށްޓެރި އިންޑިއާގެ ބައެއް ސްޓޭޓްތަކަށްވެސް ދަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ. ސްރީލަންކާ އާ އެންމެ ގާތުގައި އޮންނަ އިންޑިއާގެ އެއްސްޓޭޓް ކަމަށްވާ ކެރެލާއަށް ކުރަމުންދާ ވިއްސާރާގައި 18 މީހަކު މަރުވެ އެތައް ހާސްބަޔަކު ހާލުގައި ޖެހިފައިވާއިރު އާސާމްއަށް ކުރަމުންދާ ވިއްސާރައިގައި 87 މީހަކު ވަނީ މަރުވެފައެވެ.

މީގެ އިތުރުން ކަރުނާޓަކާ، ގޯވަ އަދި އުއްތުރަކާންދު އާއި ރާޖެސްތާންއާއި މަހަރާޝްޓްރާގެ ބޮޑުބަޔަކަށްވެސް ދަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ.

comment ކޮމެންޓް