14 ވަނަ މޯލްޑިވްސް ލިވިން އެކްސްޕޯ ރަސްމީކޮށް ހުޅުވައިފި

ލިވިން އެކްސްޕޯގެ ސްޓޯލެއްގެ ތެރެއިން -- ސަން ފޮޓޯ

ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ބޯހިޔާވަހިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެކްސްޕޯ، "މޯލްޑިވްސް ލިވިން އެކްސްޕޯ" ގެ 14 ވަނަ އެޑިޝަން މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

ހައި ރައިޒް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި ބޮޑު ހަރަކާތް ހުޅުވައިދިނީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯއަކީ ޒަމާނީ ދިރިއުޅުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް ދާއިރާގެ މަޝްހޫރު ބްރޭންޑްތަކާއި، ޑިވެލޮޕަރުންނާއި، މާލީ އިދާރާތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވާ ދިރުންހުރި މާހައުލެކެވެ.

ހައިރައިޒްއިން ބުނި ގޮތުގައި، މި އަހަރުގެ އެކްސްޕޯގައި ރިއަލް އެސްޓޭޓް، ކޮންސްޓްރަކްޝަން، އިންޓީރިއާ ޑިޒައިން، ސްމާޓް ހޯމް ޓެކްނޮލޮޖީ އަދި ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ ހައްލުތައް ދައްކާލާނެއެވެ.

މީގެ އިތުރުން ފައިނޭންސް، އިންޝުއަރެންސް އަދި ލައިފްސްޓައިލް އުފެއްދުންތަކުގެ އެންމެ ފަހުގެ އީޖާދުތައް ވެސް މި މައުރަޒުން ފެންނަން ހުންނާނެއެވެ. ޒިޔާރަތްކުރާ ފަރާތްތަކަށް ސިނާއަތުގެ މާހިރުންނާ ސީދާ ބައްދަލުކޮށް، ހަމައެކަނި މި އެކްސްޕޯއަށް ޚާއްސަ ހުށަހެޅުންތަކުގެ ފައިދާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި އަހަރުގެ އެކްސްޕޯގެ މައިގަނޑު ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. ކޯ-ސްޕޮންސަރުންގެ ގޮތުގައި ބްލޫ ލެގޫން ބައި ވީސީއައިއެލް އަދި ލިއޯ ހޯމްސް ހިމެނޭއިރު، ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.

މީގެ އިތުރުން އެލައިޑް އިންޝުއަރެންސް، އޫރިދޫ މޯލްޑިވްސް، ޕްރިންޓް ލެބް، އަދި ކޮކާކޯލާ ފަދަ ގިނަ ކުންފުނިތަކަކުން މި ހަރަކާތުގައި އެކި ދާއިރާތަކުން ބައިވެރިވެއެވެ.

މި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، މި މަޢުރަޒަކީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދިނުމުގެ އިތުރުން، ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ދާއިރާތަކުން އައު ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މައުރަޒުގެ ތެރެއިން މާހިރުންގެ ވާހަކަތަކާއި، ނަސީބުވެރިން ހޮވުމުގެ ގުރުއަތުލުންތަކުގެ އިތުރުން އާއިލާތަކަށް ޚާއްސަ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ 2026 ކުރިއަށްދާނީ ކުރިއަށް އޮތް ތިން ދުވަހަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ ބާޒާރުގައި ހުރި އައު ފުރުސަތުތައް ދެނެގަތުމަށް ވިޔަފާރިވެރިންނަށާއި، އިންވެސްޓަރުންނަށާއި، އަމިއްލަ ގެދޮރު ބިނާކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ހައިރައިޒްއިން ވަނީ ދައުވަތު އަރުވާފައެވެ.

comment ކޮމެންޓް