ކުދި ރުކުމަޑިއަށް ގުދުރަތީގޮތުން ހަމަލާދޭ, ތިމާވެއްޓަށް ފައިދާ ހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ގާއިމުކޮށްފައިވާ "ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރިއާރިން ސެންޓަރު" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި އެ ސެންޓަރު ހުޅުވައިދެއްވީ އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރަކީ ޗައިނާ ސަރުކާރާއި އެގްރިކަލްޗާ މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްގީކުރި ވަސީލަތެކެވެ.
މި މަޝްރޫޢުގެ ދަށުން އެކުލަވައިލި އެއްބަސްވުމުގައި މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 14ގައެވެ.

ކުދި ރުކުމަޑިއަށް ގުދުރަތީގޮތުން ހަމަލާދޭ, ތިމާވެއްޓަށް ފައިދާ ހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސެންޓަރު ހުޅުވުން -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ
އެ މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ސޫފާސޫފިތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. މިގޮތުން، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި، ޕެސްޓަށް ހަމަލާދޭ ފައިދާހުރި ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް) އާލާކޮށް، ބަލިޖެހިފައިވާ ސަރަހައްދުތަކަށް ދޫކުރުން ހިމެނެއެވެ.
އެ މަސައްކަތަށް ޚާއްޞަކޮށްގެން ގާއިމުކުރެވޭ ސެންޓަރުގައި، ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، އާދިއްތަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވަނީ، ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ވެސް ހަނިމާދޫ އެގްރިކަލްޗަ ސެންޓަރުގައި ހިންގައިފައެވެ.

ކުދި ރުކުމަޑިއަށް ގުދުރަތީގޮތުން ހަމަލާދޭ, ތިމާވެއްޓަށް ފައިދާ ހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސެންޓަރު ހުޅުވުން -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީ
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު ޝިޔާމެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮގްރާމުގައި ދަނޑުވެރިންނާއި، ކައުންސިލްތަކުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ޖުމްލަ 50 ފަރާތަކުން ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައިވެއެވެ.
ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން އިނގިރޭސިބަހުން ކުރިއަށްގެންދެވި މި ތަމްރީނުގައި، ތިއަރީ ބައިތަކުގެ އިތުރުން އަމަލީ މަސައްކަތްތައް ވެސް ހިމެނިފައިވެއެވެ.
މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައިވަނީ ގުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ އުކުޅުތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސާ މެނޭޖްކުރާނެ ގޮތްތަކެވެ.
ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ތަމްރީން ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލުކުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ވާހަކަދައްކަވަނީ -- ފޮޓޯ/ އެގްރިކަލްޗާ މިނިސްޓްރީމީގެ އިތުރުން، ހަނިމާދޫ އެގްރިކަލްޗަ ސެންޓަރުގެ ލެބޯޓްރީގައި ކުރިއަށްދާ ފަންނީ މަސައްކަތްތައް ބައިވެރިންނަށް ދައްކާލައި، އެކަމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ތަމްރީނަކީ ރާއްޖޭގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލްކުރުމުގެ ނިޒާމު ފުޅާކުރުމަށް އެޅުނު މުހިންމު ބިންގަލެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް، ޚާއްސަކޮށް ރުއްތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.