"ދަނޑުތައް ކޮންޓްރޯލް ކުރަމުން ދިޔައީ ބިދޭސީން, 107 މީހުން ގެންދިއުމުން ކޮންމެވެސް ވަރަކަށް އަސަރުކުރާނެ"

ތޮއްޑޫގެ މަގެއްގައި ސައިކަލެއް ދުއްވާފައި ދަނީ: އެ ރަށުގެ ދަނޑުތަކުގެ ބޮޑު ބައެއް ކޮންޓްރޯލްކުރަނީ ބިދޭސީން ކަމަށް ކައުންސިލުން ބުނޭ --

ދަނޑުވެރިކަމަށް މަޝްހޫރު އއ. ތޮއްޑޫގެ ދަނޑުވެރިކަމުގެ ބޮޑު ބައެއް މިހާރު ހިއްސާކުރަނީ ބިދޭސީން ކަމަށާއި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބައެއް ބިދޭސީންތައް ގެންދިއުމާ ގުޅިގެން ތޮއްޑޫގެ ދަނޑުވެރިކަމަށް ކޮންމެވެސް ވަރަކަށް އަސަރުކުރާނެ ކަމަށް، އެ ރަށު ކައުންސިލުގެ ނައިބު ރައީސް ޢަލީ ރިޝާން މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ އިމިގްރޭޝަނާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ތޮއްޑޫން 507 ބިދޭސީންނާ ސުވާލުކޮށް 107 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

https://sun.mv/227728

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ރިޝާން މިއަދު ވިދާޅުވީ، ދަނޑުވެރިކަމަށް ކޮންމެވެސް ވަރަކަށް އަސަރުކުރާނެ ކަމަށެވެ.

"މި ރަށުގައި ދަނޑުތައް ދެވިފައިވާ ގޮތުން، ދަނޑުތައް އެ ހުރި ގޮތުން ގިނައިން އުޅޭނީ މިހާރު [ބިދޭސީން]، ވަރަށް ގިނަ ބަންގްލަދޭޝް މީހުންނަށް ދަނޑުތައް ދީފައި ހުރީ، އެހެންވީމާ އެ ތަންތާ ގިނަ އަދަދަކަށް ބަންގްލަދޭޝް މީހުން މަސައްކަތްކުރަނީ އެ މީހުން ދަނޑު ގަނެގެން،" ރިޝާން ވިދާޅުވިއެވެ.

އެހެންކަމުން ކައުންސިލުން މިފަހަރު ދަނޑުތައް ދޫކުރިއިރު ދަނޑުތައް ދީފައި ހުންނާނީ ދަނޑުތައް އިތުރު މީހަކަށް ވިއްކައިނުލެވޭ ގޮތަށް ސީދާ ދަނޑު ލިބޭ މީހާއާ އެއްބަސްވުން ހެދުމަށްފަހު ކަމަށާއި، އެ މީހާގެ ކޯޓާގެ ދަށުގައި ތިބޭ މީހުންނަށް ދަނޑުގައި އެކަނި މަސައްކަތްކުރެވޭ ގޮތަށް ކަމަށް ރިޝާން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެއްބަސްވުން އެކުލަވައިލައިފައިވަނީ ކައުންސިލުން ވެސް ބަލާ ގޮތަށެވެ.

ރިޝާން ވިދާޅުވީ ކުރިން ދަނޑުބިންތައް ދޫކޮށްފައިވާނީ ކޮންމެ ގެއަކަށް ކަމަށެވެ.

"ދެން މާލޭގައި ދިރިއުޅުއްވާ [ބައެއް] ބޭފުޅުން ދަނޑުބިން ކޮންމެވެސް ބިދޭސިއަކަށް ވިއްކައިލައިގެން ނޫނީ ދިގު މުއްދަތަކަށް ދީގެން މިކަހަލަ ގޮތަކަށް ބޭނުންކުރަނީ،" ރިޝާން ވިދާޅުވިއެވެ.

ރިޝާން ވިދާޅުވީ ބިދޭސީން ދަނޑުތަކުގެ ބޮޑު ބައެއް ހިއްސާކުރާތީ ފުދޭވަރަކަށް އާމްދަނީ އެ ރަށުން ބޭރުވެފައިވާ ކަމަށެވެ.

"އެއީ ވާ ގޮތަކީ އެ މީހުން މުޅި ކޮންޓްރޯލް، އަނެއްހެން ބުނާނަނަމަ ދަނޑުވެރިކަމުގެ ކޮންޓްރޯލް ނަގައިފައި މި އޮތީ، އެއީ މިކޮޅުން އެކަންޏެއް ނޫން، މާލޭ މާރުކޭޓުގައި ވެސް އެ މީހުން ލީޑުކުރަނީ، އެހެންވީމާ މި ކޮޅުން (ތޮއްޑޫން) ދާ އެއްޗެހި ވެސް އެކޮޅުން ވިއްކުމާއި ހުރިހާ ކަމެއް ލީޑުކުރަނީ އެ މީހުން، އެހެންވީމާ ބޮޑު ބައެއް އެ މީހުން ހިއްސާކުރަމުން ދަނީ،" ރިޝާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ތޮއްޑޫގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުން އައުމުގެ ސަބަބުން ބައެއް މީހުން ދަނޑުބިންތައް ދޫކޮށްލައި ގެސްޓްހައުސް ވިޔަފާރިއަށް ވަނީ ބަދަލުވެފައެވެ.

ދަނޑުވެރިކަން ތޮއްޑޫގައި އާލާކުރުމަށްޓަކައި ދަނޑުތައް ދޫކުރާ މުއްދަތު ތިން އަހަރުން ހަތް އަހަރަށް އިތުރުކޮށްފައިވާ ކަމަށް ވެސް ރިޝާން ވިދާޅުވިއެވެ.

https://sun.mv/43353

ފާހަގަކުރެވޭ ގޮތުގައި ދަނޑުވެރިކަމުގެ އިތުރުން ގެސްޓްހައުސްގެ ވެސް ވިޔަފާރިކުރާ ތޮއްޑޫގެ ބައެއް ދަނޑުތަކުގައި ފެން ދިނުމާއި މޭވާ ކެނޑުމާއި އެ ތަކެތި މާލެ ފޮނުވުމަށް ދޯންޏާ ހިސާބަށް ގެންދިއުމުގައި ވެސް ބޮޑު ހިއްސާއެއް ބިދޭސީން އަދާކުރެއެވެ.

މީގެ ކުރިން ވެސް ތޮއްޑޫގައި ބިދޭސީންގެ މައްސަލަތައް ބޮޑުވިއެވެ. އެގޮތުން އޭރު އެ ރަށުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީންނަކީ ހުއްދަނެތި ރާއްޖޭގައި މަސައްކަތް ކުރި ބިދޭސީންނެވެ. ތޮއްޑޫ ކައުންސިލާއި އިމިގްރޭޝަނާއި ފުލުހުން ކުރި މަސައްކަތުން އޭރު އެކަނި ވެސް 300އަށް ވުރެ ގިނަ ބިދޭސީން އެ ރަށުން ފޮނުވައިލިއެވެ.

comment ކޮމެންޓް