ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް ކަމުގެ މަގާމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް ވާދަކުރައްވަން ނިންމަވައިފިއެވެ.
ނިމާލް މިކަން ރަސްމީކޮށް އިއުލާނު ކުރެއްވީ އޭނާގެ ފޭސްބުކް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ނިމާލް ވިދާޅުވީ ޕީއެންސީގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށާއި، މިކަމުގައި ޕާޓީގެ މެންބަރުންނާއި ކޮންގްރެހުގައި ވޯޓުލާން ވަޑައިގަންނަވާ މަންދޫބުންގެ ތާއީދަށް އެދިލައްވާ ކަމަށެވެ.
ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ.
ނިމިގެންދިޔަ ދައުރުގެ ބޮޑުބައިގައި ޕީއެންސީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރުވެސް ނިމާލް ހުންނެވީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައެވެ. އެ ދުވަސްވަރު ސަރުކާރުން ކުރިމަތިކުރުވި ގޮންޖެހުންތަކާއެކުވެސް ޕާޓީ ވެރިކަމަށް ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޕާޓީ ވެރިކަމަށް ގެނައުމަށް ޕާޓީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން އެންމެންގެ އަޑުއަހައިގެން ޓީމު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެވުނުކަމީ، އަޅުގަނޑަށް ލިބުނު ނުހަނު ބޮޑު އުފަލެއް،" ނިމާލް ވިދާޅުވިއެވެ.
މި މަގާމަށް ކުރިމަތިލެއްވުމުގެ މުހިންމު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމުގެ ތަރައްގީއަށާއި މިނިވަންކަމަށް ކުރައްވާ މަސައްކަތްޕުޅުގައި އެހީތެރިކަން ފޯރުކޮށްދެއްވުންކަމަށް ނިމާލް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަކީ އޭނާގެ އެންމެ ބޮޑު އެއް ލަނޑުދަނޑި ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސްކަމަށް ނިމާލް ކުރިމަތިލައްވަން ނިންމެވިއިރު ދެން މި މަގާމަށް ކުރިމަތިލައްވަން ނިންމާފައިވާ ބޭފުޅުންނަކީ:
- ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
- މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
- ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު
- ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
- ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ.
މީގެ ތެރެއިން ސައީދާއި މުންދުއާއި ޝުޖާއު އަދި ޝިޔާމް މިހާރު ވެސް ތިއްބެވީ ޕީއެންސީގެ ނައިބު ކަމުގެ މަގާމުގައެވެ.
ސިޔާސީ ގޮތުން ދެގޮތެއް ނުވެ ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ނިމާލް ވިދާޅުވީ، ޕާޓީއަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގައިވެސް އަދި ކާމިޔާބީގެ ވަގުތުގައިވެސް އޭނާ ހުންނަވާނީ މެންބަރުންނާއެކު ކަމަށެވެ.