އިންތިޚާބު ލަސްކުރަން ޖެހުނީ ވޯޓު އޮޅުވާލަން އުޅުނު ކަމުގެ ތުހުމަތުތަކެއް ހުރުމުން: ނިމާލް

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް: އޭނާ ވަނީ އިންތިހާބު ލަސްކުރަން ޖެހުނީ އޮޅުވާލަން އުޅުމުން ކަމަށް ވިދާޅުވެފައި -- ފޮޓޯ/ އެލްޖީއޭ

ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)ގެ ބޯޑަށް، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސުން ހޮވުމަށް ބާއްވަން ނިންމި އިންތިހާބު ފަސްކުރަން ޖެހުނީ އިންތިޚާބު އޮޅުވާލަން އުޅޭކަމުގެ މައުލޫމާތު ލިބުމުން ކަމަށް އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު މިއަދު ވިދާޅުވެއްޖެއެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު، މުއްދަތެއް ނެތް ގޮތަށް ފަސްކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހެވެ.

https://sun.mv/225591

ޓީވީއެމްއިން ކުރިއަށް ގެންދިޔަ 'އަހާށޭ ބުނާނަން' ޕްރޮގްރާމުގައި އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ލަސްވީ ކީއްވެތޯ ސުވާލުކުރުމުން ނިމާލު ވިދާޅުވީ، ލަސްކުރަން ޖެހުނީ ދިމާވި އިދާރީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ނިމާލު ވިދާޅުވީ އިންތިޚާބަށް ތައްޔާރުވުމަށް އެލްޖީއޭގެ ފަރާތުން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ. ނަމަވެސް ކައުންސިލްތަކުން އޭނާއަށް ޝަކުވާތައް ހުށަހަޅަމުން ދިޔުމުގެ ސަބަބުން އެ އިންތިޚާބު ފަސްކުރަން ޖެހުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އޮފީސް ތެރެއިން ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވުނު. އެހެންނަމަވެސް އިންތިޚާބު ކައިރިވެގެން އައިރު، އެންމެ ފަހު ދެތިން ދުވަހަށް ވިއިރު، އަޅުގަނޑަށް ރައްޔިތުންނާއި ކައުންސިލްތަކުން ލިބެމުންއައި ޝަކުވާއަކީ ވޯޓު ފޮށިތައް ބަހައްޓާފައި ހުންނަނީ އަތޮޅުތަކުގައި ތިބި ކުރީގެ އަތޮޅު ކައުންސިލް، މިހާރުގެ ނަމުންނަމަ އެލްޖީއޭގެ ބްރާންޗުތަކުގައޭ، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު

ނިމާލު ވިދާޅުވީ އަތޮޅުތެރޭގެ އެލްޖީއޭ ބްރާންޗުތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ނިންމާފައި ވާތީ އެކަމާ ބައެއް ކައުންސިލްތަކުން ޝަކުވާކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެލްޖީއޭގެ ބްރާންޗުތަކުގައި ތިބީ އަތޮޅު ކައުންސިލްތައް އުވާލިއިރު ތިބި ވަކި ސިޔާސީ ފިކުރެއްގެ ބައެއް ކަމަށެވެ.

ހަމައެއާއެކު އިންތިޚާބުގައި ކައުންސިލަރުން ވޯޓުލުމަށް ދާން ޖެހޭ ޚަރަދު ކައުންސިލްގެ ބަޖެޓުން ޚަރަދުނުކުރާކަން ކައުންސިލަރުން ފާހަގަކޮށްފައިވާ ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.

ނިމާލް ވަނީ އެކަމުގެ ސަބަބުން ބައެއް ކައުންސިލްތަކުން ވޯޓުލާން ނުދާން ނިންމައި އޭނާއަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި ވޯޓު ފޮށިތައް ހުރީ ސިޔާސީ ވަކި ބައެއްގެ ބެލުމުގެ ދަށުގައި ކަަމަށާއި ވޯޓުލާން ނުދާ މީހުންގެ ނަމުގައި ވެސް ވޯޓު އެޅުމަށް ނިންމާފައިވާ ކަމަށް ބައެއް މީހުން ބުނެފައިވާކަމަށް ނިމާލު ވަނީ ވިދާޅުވެފައެވެ.

ބައެއް ކަައުންސިލްތަކުން ބުނި އެމީހުން އެބަ ރާވައޭ އިންތިހާބުގަ ވޯޓުލާން ނުދާން. އެކަމަކު ސިޔާސީ ވަކި ފިކުރެއްގެ ބަޔަކު އެލްޖީއޭގެ ބްރާޗުތަކުގައި ތިބީމާ އެބޭފުޅުންގެ ބެލުމުގެ ދަށުގަ ދޯ އޭ ވޯޓުފޮށިތައް ހުރީ. ނާންނަ މީހުންގެ ވޯޓު ކަރުދާސްކޮޅުގެ ތެރޭގައި ފާހަގަލާފައި ވޯޓާސް ރަޖިސްޓްރީއިން އޭނަ އައިކަން ފާހަގަކޮށްފަ ދެން ވަރަށް ރަނގަޅެއްނު ހެއްޔޭ. ކައުންސިލަރުން ނުދޭ ވޯޓު ލާކަށް، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލު

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާތަކުގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލާން މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ހުޅުވާލިއެވެ. އެއަށްފަހު، ކުރިމަތިލާ މީހުންގެ ނަންތައް އެ އޮތޯރިޓީން އިއުލާންކޮށްފައިވެއެވެ. އެ އިންތިޚާބުގައި ވާދަކުރުމަށް ހަމަޖެހިފައި އޮތީ:

ރަށު ކައުންސިލަރުންގެ ތެރެއިން:

  • ފ. ނިލަންދޫ ކައުންސިލްގެ ރަައީސް އަލީ އަހުމަދު (ޕީއެންސީ)
  • ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ސާފިރު (އެމްޑީޕީ)

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ކުރިމަތިލީ:

  • ލ. ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ނީނާ (އެމްޑީޕީ)
  • ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަރިޔަމް ޒީނާ (ޕީއެންސީ)

ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ކައުންސިލަރުން މަގާމުގެ ނާޖާއިޒް ފައިދާ ނަގާނަމަ ނުވަތަ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ ނުވަތަ ގާނޫނުގައި ކުރުން މަނާ ކަމަށް ބުނެފައިވާ ކަމެއް ކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރު ހިމެނެއެވެ. ފިޔަވަޅުތަކުގެ ތެރޭގައި ކައުންސިލަރުން ވަކި މުއްދަތަކަށް މަގާމުން އެކަހެރި ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް