ވަގަށް ނެގި ކަމަށް ބުނާ ސައިކަލަކީ މީހަކު ދިން ސައިކަލެއް ކަމަށް، ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުގައި ބުނެފިއެވެ.
ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ މީހެކެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، ކޯޓާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، ވަގަށް ނަގައިފައިވާ ސައިކަލެއް އެ މީހާގެ އަތުން ފެނިފައިވެއެވެ.
އެކަމަކު ކޯޓުގައި އެ މީހާ ބުނީ ވަގަށް ނެގި ކަމަށް ބުނާ ސައިކަލަކީ މީހަކު އޭނާއަށް ދިން ސައިކަލެއް ކަމަށާއި އެއީ ވަގަށް ނެގި ސައިކަލެއް ކަން ނޭނގޭ ކަމަށެވެ.
އެ މީހާއަކީ މީގެ ކުރިން ވެސް ބަންދު ރެކޯޑު އޮތް މީހެއް ކަމަށް، އެ އަމުރުގައިވެއެވެ. މި މައްސަލައިގައި 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
މީގެ ދެ ހަފުތާ ކުރިން ހަމަ މިފަދަ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ވަނީ، އޭނާ ދުއްވި ސައިކަލަކީ ދުއްވުމުގެ ކުރިން ވެސް ވަގަށް ނަގައިފައި އޮތް ސައިކަލެއް ކަމަށް ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ސައިކަލު ވަގަށް ނަގައިގެން ދޭތެރެއަކުން މީހުން ހައްޔަރުކުރެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 7،607 މައްސަލައެއް ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،103 މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.