މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ސުޕަހީރޯ ފިލްމު "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ" އެންމެ ހަ ދުވަހުގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފިއެވެ.
މިއާއެކު މި ފިލްމު ވެފައިވަނީ ތާރީޚުގައިވެސް އެންމެ އަވަހަށް މި މައިލްސްޓޯން ކަޑައްތުކުރި ދެވަނަ ފިލްމަށެވެ.
މާވެލް އާއި ސޮނީ ގުޅިގެން ނެރުނު އެންމެ ފަހުގެ "ސްޕައިޑަ-މޭން"އަށް އެންމެ ހަ ދުވަސް ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައިވާއިރު، މިއީ 2019 ވަނަ އަހަރު ފަސް ދުވަހުގެ ތެރޭގައި މި އަދަދަށް އާމްދަނީ ހޯދައިގެން ރެކޯޑް ހެދި "އެވެންޖާސް: އެންޑްގޭމް" އަށްވުރެ އެންމެ ދުވަހެއް ފަހުން ހޯދި ކާމިޔާބީއެކެވެ.
ފިލްމު ރިލީޒްކުރުމުގެ ކުރިން ދެއްކި ޕްރިވިއު ޝޯތަކުން އެކަނިވެސް 74.5 މިލިއަން ޑޮލަރު ހޯދައިގެން ވަނީ އޯލް-ޓައިމް ރެކޯޑް ހަދާފައެވެ.
މީގެއިތުރުން، މިއީ އެމެރިކާގެ ބާޒާރުގައި އެންމެ ހަތަރު ދުވަސް ތެރޭގައި 400 މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ހޯދި އެންމެ އަވަސް ފިލްމެވެ. އަދި ހޯމަ ދުވަހެއްގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑްވެސް 46 މިލިއަން ޑޮލަރާއެކު މި ފިލްމު ވަނީ ހޯދާފައެވެ.

ފިލްމު "ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"ގެ ޕްރީމިއާގައި ޓޮމް ހޮލެންޑް އަދި ޒެންޑާޔާ--ފޮޓޯ/ވެރައިޓީ
ލަފާކުރެވޭ ގޮތުގައި މި ފިލްމު ސިނަމާތަކުން ނެގުމުގެ ކުރިން ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާނެއެވެ. އެހެންވެއްޖެނަމަ، މިއީ މި ކާމިޔާބީ ހޯދާ އަށްވަނަ ފިލްމަށް ވާނެއެވެ. މީގެ ކުރިން މި އަދަދަށް އާމްދަނީ ހޯދާފައިވަނީ "އެވަޓާ"، "އެވެންޖާސް: އެންޑްގޭމް"، "އެވަޓާ: ދަވޭ އޮފް ވޯޓަ"، "ޓައިޓޭނިކް"، "ނޭ ޒާ 2"، "ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް" އަދި "އެވެންޖާސް: އިންފިނިޓީ ވޯ"އެވެ.
މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާ ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަކަށް އުންމީދެއް ނުކުރެއެވެ. މާވެލްގެ ފަހުގެ ފިލްމުތައް ކަމަށްވާ "ކެޕްޓަން އެމެރިކާ: ބްރޭވް ނިއު ވޯލްޑް" އާއި "ތަންޑަބޯލްޓްސް" އަދި "ދަ މާވެލްސް"އަށް ލިބުނު ފިނި ތަރުހީބަށް ބަލައި، ލަފާކުރެވުނީ މި ފިލްމަށް ފުރަތަމަ ހަފުތާގައި ލިބޭނީ 189 މިލިއަނާއި 190 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ކަމަށެވެ.
"ދަ ގާޑިއަން" ނޫހުން ސިފަކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ކާމިޔާބީން ދޭހަވަނީ ސްޕައިޑަ-މޭންގެ މަގުބޫލުކަމަށް އެއްވެސް ބަދަލެއް ނާންނަކަމެވެ.
މި ފިލްމުގައި ސްޕައިޑަމޭންގެ ކެރެކްޓާ ކުޅެފައިވާ ޓޮމް ހޮލަންޑް އިތުރު ސްޕައިޑަ-މޭން ފިލްމަކުން ނުވަތަ އެވެންޖާސް ފިލްމަކުން ފެންނާނެކަން އަދި ރަސްމީކޮށް ކަށަވަރު ނުވި ނަމަވެސް، މިއަހަރު ފަހުކޮޅު ނުކުންނަ "އެވެންޖާސް: ޑޫމްސްޑޭ" ނުވަތަ 2027ގެ "އެވެންޖާސް: ސީކްރެޓް ވޯސް"އިން އޭނާ ފެނިދާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ސްޕައިޑަ-މޭންގެ ރޯލު އެހެން އެކްޓަރަކާ ހަވާލުކުރުމާ ބެހޭގޮތުން ހޮލަންޑް ވާހަކަ ދައްކާފައިވީ ނަމަވެސް، ސްޓޫޑިއޯއިން ބޭނުންވާހާ ހިނދަކު އެ ރޯލު އަދާކުރަން ތައްޔާރަށް ހުރިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކުރި މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނުނު އިތުރު ތަރިންގެތެރޭ، ޒެންޑާޔާ އަދި ސޭޑީ ސިންކް ހިމެނެއެވެ.