ތަބީއީގޮތުން ނުވަތަ ގުދުރަތީ މާހައުލުގައި ނުއުފެދޭ ބާވަތުގެ އާ ވައިރަސްތަކެއް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސައިންސްވެރިން ފުރަތަމަ ފަހަރަށް އުފައްދައިފިއެވެ.
އެމެރިކާގެ ސްޓެންފޯޑް ޔުނިވަސިޓީއާއި އެމްއައިޓީ އަދި ހާވަޑްގެ ބްރޯޑް އިންސްޓިޓިއުޓްގެ ރިސާޗަރުން ގުޅިގެން ހެދި މި ދިރާސާގެ ކާމިޔާބީގެ ތަފްސީލު ވަނީ މަޝްހޫރު 'ސައިންސް' ޖާނަލްގައި ޝާއިއުކޮށްފައެވެ.
މި ދިރާސާގައި ސައިންސްވެރިން ބޭނުންކޮށްފައިވަނީ ބެކްޓީރިއާ މަރާލުމަށް މަޝްހޫރު ވައިރަހުގެ ބާވަތެއް ކަމަށްވާ 'ބެކްޓީރިއޯފޭޖް' އެވެ. އޭއައި މޮޑެލްތައް ކަމަށްވާ 'އީވޯ' މޮޑެލްތަކަށް ދެ މިލިއަނަށްވުރެ ގިނަ ފޭޖްތަކުގެ ޖީންގެ މައުލޫމާތު ދީގެން، އާ ޖެނޯމްތަކެއް ފޯރުކޮށްދިނުމަށް އެދުމުން އޭއައި ވަނީ އާ ޑިޒައިންތަކެއް އުފައްދައިދީފައެވެ.
ސައިންސްވެރިން އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޖެނޯމް ލެބޯޓްރީގައި ރީޕްރޮޑިއުސްކޮށް ސިންތަސައިޒް ކުރިއިރު، ދިރިހުރުމުގެ ގާބިލުކަން ހުރި 16 އާ ވައިރަސް ވަނީ ކާމިޔާބުކަމާއެކު އުފެއްދިފައެވެ.
ލެބޯޓްރީގައި ކުރި ޓެސްޓުތަކުން ދެއްކި ގޮތުގައި، މިގޮތަށް އޭއައި މެދުވެރިކޮށް އުފެއްދި ސިންތެޓިކް ވައިރަސްތަކުގެ މަސްހުނި މިކްސްޗަރެއް ބޭނުންކޮށްގެން އީ-ކޯލައި ބެކްޓީރިއާ ނައްތާލުމުގައި، ގުދުރަތީ ވައިރަސްތަކަށްވުރެ ވަރުގަދަ އަދި އަވަސް ނަތީޖާއެއް ވަނީ ލިބިފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ އެންޓިބަޔޮޓިކްސްއަށް ނުގުޑާ ވަރުގަދަ ބެކްޓީރިއާތަކާ ދެކޮޅަށް ފަރުވާ ހޯދުމަށް ސައިންސަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ނަމަވެސް، މިއީ ސިއްހީ ދާއިރާއަށް ލިބުނު އުއްމީދީ ކުރިއެރުމެއްގެ އިތުރުން ބައެއް ނުރައްކާތަކުގެ ފެށުން ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ. ނުރައްކާތެރި ޖަރާސީމުތައް އުފެއްދުމަށް މި ފަންނު ބޭނުންކޮށްފާނެތީ، ބައެއް ސައިންސްވެރިން ވަނީ ބަޔޯސެކިއުރިޓީއާއި ރައްކާތެރިކަމުގެ ވަރުގަދަ އުސޫލުތަކެއް ގާއިމުކުރުމަށް ގޮވާލާފައެވެ.
އިންސާނުންނަށް ނުރައްކާވާ ފަދަ ވައިރަސްތައް އޭއައި މެދުވެރިކޮށް އުފެއްދުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި، މި ދިރާސާގައި އޭއައިއަށް އިންސާނުންނަށް ޖެހޭ ވައިރަސްތަކުގެ ޑޭޓާ ދީފައެއް ނުވެއެވެ.
މި ކުރިއެރުމާއެކު، އޭއައި މެދުވެރިކޮށް ބެކްޓީރިއާތައް ނައްތާލެވޭނެ ހާއްސަ ވައިރަސްތައް ފަރުމާކޮށް، އާންމު އެންޓިބަޔޮޓިކް މެދުވެރިކޮށް ރަނގަޅުނުވާ ނުރައްކާތެރި ބަލިތަކަށް ފަރުވާ ހޯދުމުގެ އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ރިސާޗަރުން ގަބޫލުކުރެއެވެ.