މުކޭޝް އަމްބާނީ: އިންޑިއާގެ އެންމެ ބޮޑު މަހުޖަނުގެ ކާމިޔާބީގެ ސިއްރުތަކާއި ދިރިއުޅުން

މުކޭޝް އަމްބާނީ---

އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރިލަޔަންސް އިންޑަސްޓްރީޒްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު މުކޭޝް އަމްބާނީއަކީ އޭޝިއާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ގުނާލެވޭ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާގެ ބެލުމުގެ ދަށުން ރިލަޔަންސް އިންޑަސްޓްރީޒް ވަނީ ޕެޓްރޯކެމިކަލްސް، ޓެލެކޮމިއުނިކޭޝަންސް، އަދި ރީޓެއިލް ފަދަ ތަފާތު އެތައް ދާއިރާއަކަށް ފުޅާވެ، އިންޑިއާގެ އިގުތިސާދުގެ މުހިންމު ބާރަކަށް ވެފައެވެ. ދާދި ފަހުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސާފު ހަކަތައިގެ ދާއިރާއަށް 110 ބިލިއަން ޑޮލަރު އިންވެސްޓުކުރަން ނިންމުމާއެކު، އޭނާގެ އަމާޒު ހުރީ ކުންފުނީގެ މުސްތަގުބަލު އިތުރަށް އުޖާލާކުރުމަށެވެ. މީގެ އިތުރުން، ކުންފުނީގެ ހިންގުން ތިންވަނަ ޖީލާ ހަވާލުކުރުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން 2023 ވަނަ އަހަރު މުކޭޝް އަމްބާނީގެ ތިން ކުދިން ކަމަށްވާ އާކާޝް، އީޝާ އަދި އަނަންތު ވަނީ ކުންފުނީގެ ބޯޑަށް އައްޔަންކޮށްފައެވެ.

މުކޭޝް އަމްބާނީގެ ވިޔަފާރީގެ ފެށުން ގުޅިފައިވަނީ އޭނާގެ ބައްޕަ ދީރުބާއީ އަމްބާނީއާއެވެ. 1957 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ޔަމަނުގެ އޭޑަންގައި އުފަންވި މުކޭޝްގެ އާއިލާ 1958 ވަނަ އަހަރު އިންޑިއާގެ މުމްބާއީއަށް ބަދަލުވިއެވެ. އޭރު އޭނާގެ ބައްޕަ މަސައްކަތްކުރީ ޕެޓްރޯލް ސްޓޭޝަނެއްގައެވެ. މުމްބާއީގައި އެ އާއިލާ ދިރިއުޅެމުންދިޔައީ އާންމު ފާހާނާ ބޭނުންކުރަންޖެހޭ ގޮތަށް ހަދާފައިވާ ދެ ކޮޓަރީގެ ކުޑަ ތަނެއްގައެވެ. ދީރުބާއީ އަމްބާނީ ރިލަޔަންސް އުފެއްދީ ވިޔަފާރި މުދާ އެތެރެކޮށް ބޭރުކުރާ ކުންފުންޏެއްގެ ގޮތުގައެވެ. އޭގެ ފަހުން ރިލަޔަންސް ޓެކްސްޓައިލްސްގެ ނަމުގައި ފޮތީގެ ވިޔަފާރިއަށް ވަދެ، މުދާ އުފެއްދުމުގެ ހުރިހާ މަރުހަލާއެއް އަމިއްލައަށް ކޮންޓްރޯލްކުރުމުގެ ސިޔާސަތެއް ގެންގުޅުނެވެ.

ކެމިކަލް އިންޖިނިއަރިންގެ ދާއިރާއިން ތައުލީމު ހާސިލުކުރުމަށްފަހު، އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީން އެމްބީއޭ ހަދަމުންދަނިކޮށް، 1980 ވަނަ އަހަރު ބައްޕަގެ އެދުމުގެ މަތިން މުކޭޝް އަމްބާނީ އެނބުރި އިންޑިއާއަށް ގޮސް އާއިލީ ވިޔަފާރިއާ ގުޅުނެވެ. އޭނާގެ މަސައްކަތުން އިންޑިއާގެ ޖާމްނަގަރުގައި ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުހާނާ ބިނާކުރިއެވެ. މި މަޝްރޫއާއެކު ރިލަޔަންސް އިންޑަސްޓްރީޒްއަކީ އިންޑިއާގެ ސިނާއީ ދާއިރާގެ އެންމެ ބޮޑު އެއް ބާރު ކަމުގައި ވެގެންދިޔައެވެ.

ދެހާސް ދެވަނަ އަހަރު ދީރުބާއީ އަމްބާނީ ވަސިއްޔަތެއް ނުލިޔެ މަރުވުމާ ގުޅިގެން، މުކޭޝްއާއި އޭނާގެ ކޮއްކޮ އަނިލް އަމްބާނީއާ ދެމެދު ވިޔަފާރީގެ ބޮޑު މައްސަލަގަނޑެއް އުފެދުނެވެ. މި މައްސަލަ ހައްލުކުރީ 2005 ވަނަ އަހަރު އެ ދެބެންގެ މަންމަ ކޯކިލާބެން މެދުވެރިވެގެންނެވެ. އެ ނިންމުމުގެ ދަށުން ހަކަތައާއި ޕެޓްރޯކެމިކަލްސްގެ ވިޔަފާރިތައް މުކޭޝްއަށް ލިބުނުއިރު، ޓެލެކޮމް އަދި ކަރަންޓުގެ ވިޔަފާރިތައް ލިބުނީ އަނިލްއަށެވެ. ފުރަތަމަ ކޮޅު އަނިލްއަށް ކުރިއެރުން ލިބޭނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ނަމަވެސް، ފަހުން އޭނާގެ ވިޔަފާރިތަކަށް ބޮޑެތި މާލީ ދަތިތަކާ ކުރިމަތިވިއެވެ. އޭގެ ބަދަލުގައި މުކޭޝްގެ ސިނާއީ ވިޔަފާރިތަކުން ލިބުނު ފައިދާ ބޭނުންކޮށްގެން އޭނާ ވަނީ ވިޔަފާރި އިތުރަށް ފުޅާކޮށްފައެވެ.

މުކޭޝް އަމްބާނީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 2016 ވަނަ އަހަރު ތައާރަފުކުރި "ޖިއޯ" މޮބައިލް ނެޓްވޯކެވެ. ހިލޭ ފޯނު ކޯލުތަކާއި ޑޭޓާ ލިބޭ ގޮތަށް ތައާރަފުކުރި މި 4ޖީ ނެޓްވޯކުގެ ސަބަބުން އިންޑިއާގެ ޓެލެކޮމް މާކެޓަށް ބޮޑު ބަދަލެއް އައިސް، އެތައް މިލިއަން ބަޔަކަށް އިންޓަނެޓުގެ ހިދުމަތް ލިބިގެންދިޔައެވެ. މިއާއެކު ޑިޖިޓަލް ދާއިރާގައިވެސް ރިލަޔަންސްއިން ވަނީ ބޮޑު ކޮންޓްރޯލެއް ހޯދާފައެވެ.

ވިޔަފާރީގެ ކާމިޔާބީތަކުގެ އިތުރުން، މުކޭޝް އަމްބާނީގެ އަމިއްލަ ދިރިއުޅުމާއި އާއިލީ ކަންކަމަކީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކަންކަމެވެ. 1985 ވަނަ އަހަރު އޭނާ ކައިވެނިކުރީ ކުރިން ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ނީތާ އަމްބާނީއާއެވެ. މުކޭޝް ބުނެފައިވާ ގޮތުގައި އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއްވަނީ ނީތާއަށެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނުނު ނަމަވެސް، އަމްބާނީ އާއިލާއިން އާންމު ދިރިއުޅުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން އެ އާއިލާއަކީ ހަމައެކަނި ގަސްގަހާގެހީގެ ބާވަތްތައް ކައިއުޅޭ ބައެކެވެ. އަދި މުކޭޝް އަމްބާނީއަކީ ރާބޯ މީހެއް ނޫނެވެ.

އެ އާއިލާ ދިރިއުޅެމުންދަނީ މުމްބާއީގައި ހުންނަ 27 ބުރީގެ އިމާރާތެއް ކަމަށްވާ "އެންޓީލިއާ" ގައެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް އަމިއްލަ ގެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މި ގޭގައި 168 ކާރު ޕާކުކުރެވޭނެ ޖާގައާއި، ތިން ހެލިޕޭޑާއި، 600 މުވައްޒަފުންގެ އިތުރުން މަސްނޫއީ ސްނޯ އުފައްދާ ކޮޓަރިއެއްވެސް ހުރެއެވެ.

މީގެ ދެ އަހަރު ކުރިން 2024 ވަނަ އަހަރު މުކޭޝްގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނީގެ ކުރިން ބޭއްވި ހަފުލާތަކަށް 600 މިލިއަން ޑޮލަރާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުކޮށްފައިވާ ކަމަށް އަންދާޒާކުރެވިފައިވެއެވެ. މިކަމާ ގުޅިގެން، ފަގީރުކަމުގައި އެތައް މިލިއަން ބަޔަކު ދިރިއުޅޭ ގައުމެއްގައި މިފަދަ ބޮޑު ހަރަދެއް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ފާޑުކިޔުންތަކާއެކުވެސް، އަމްބާނީ އާއިލާއިން އަންނަނީ ރިލަޔަންސް ފައުންޑޭޝަން މެދުވެރިކޮށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. ނީތާ އަމްބާނީ ޗެއާޕާސަންކަން ކުރައްވާ މި ފައުންޑޭޝަނުން ސިއްހީ ދާއިރާއާއި، ތައުލީމާއި، ރަށްފުށުގެ ތަރައްގީއާއި، ކުޅިވަރުގެ އިތުރުން ގުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެއެވެ. މި އަހަރާ ހަމައަށް އައިއިރު، އެ ފައުންޑޭޝަނުގެ އެހީތެރިކަން 76 މިލިއަނަށްވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައިވާ ކަމަށް އެ އިދާރާއިން ނެރުނު ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އާއިލާއިން ބުނާ ގޮތުގައި އެ މީހުންގެ އަމިއްލަ ހަރަދުތަކާއި، އިންޑިއާގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ މުޅިން ވަކި ދެ ކަމެކެވެ.

މި ކާމިޔާބީތަކާއެކުވެސް ރިލަޔަންސްއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން 2021 ވަނަ އަހަރު އެންޓީލިއާ ކައިރިން ގޮވާތަކެތި އަޅާފައިވާ ކާރެއް ފެނުނު މައްސަލައެއް މުމްބާއީ ފުލުހުން ތަހުގީގުކުރިއެވެ. މީގެ އިތުރުން ގުދުރަތީ ގޭހުގެ މައްސަލަތަކާއި މާކެޓު ކޮންޓްރޯލްކުރުމާ ގުޅޭ ގޮތުން ކުރެވުނު ތުހުމަތުތަކާ ގުޅިގެން ގާނޫނީ މައްސަލަތަކަކާވެސް ކުންފުނިން ކުރިމަތިލާންޖެހުނެވެ. އަދި ސިޔާސީ ފަރާތްތަކާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ފާޑުކިޔާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސްއާއި ސާފު ހަކަތައަށް ކުރާ ބޮޑު އިންވެސްޓްމަންޓާއެކު، ރިލަޔަންސް އިންޑަސްޓްރީޒްގެ އަމާޒު ހުރީ ކުންފުނީގެ މުސްތަގުބަލު އިތުރަށް ފުޅާކުރުމަށެވެ.

comment ކޮމެންޓް