ލޯނު ނުދެއްކުމުގެ ސަބަބުން ރާޖްޕަލްގެ އަގުބޮޑު މުދާ ނީލަމަށް

އިންޑިއާގެ އެކްޓަރު ރާޖްޕާލް ޔާދަވް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް ނަގާފައިވާ 16.61 ކްރޯޑް ރުޕީސްގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އުއްތަރު ޕްރަދޭޝްގެ ޝާހްޖަހާންޕޫރުގައި ހުރި އޭނާގެ ދެ މުދަލެއް ނީލަން ކިޔުމަށް ނިންމައިފިއެވެ.

މި ލޯނަކީ 2012 ވަނަ އަހަރު ރާޖްޕާލް ޑައިރެކްޓްކުރި "އަޓާ ޕަޓާ ލާޕަތާ" ފިލްމު އުފެއްދުމަށް ނަގާފައިވާ ލޯނެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން ލޯނު އަނބުރާ ދެއްކުމުގައި އޭނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސެންޓްރަލް ބޭންކް އޮފް އިންޑިއާއިން ވަނީ ޝާހްޖަހާންޕޫރުގެ ސިޓީ ސަރަހައްދުގައި ހުރި މުދަލަކާއި އަވަށެއްގައި ހުރި މުދަލެއް ނީލަން ކިޔުމަށް އިއުލާން ކޮށްފައެވެ.

ރާޖްޕާލް ބޭންކަށް 16.61 ކްރޯޑް ރުޕީސް ދައްކަން ޖެހިފައިވާއިރު، ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދެ މުދަލުގެ އަގަކީ ގާތްގަނޑަކަށް 3.19 ކްރޯޑް ރުޕީސްއެވެ. މި މުދާތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރާ ބިމަކާއި، އަވަށެއްގައި ހުރި ގެއެއްގެ އިތުރުން ސިޓީގައި ހުރި އިމާރާތެއް ހިމެނެއެވެ. މި ތަންތަން ނީލަން ކިޔުމަށް ތާވަލުކޮށްފައިވަނީ މި އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހަށެވެ.

ރާޖްޕާލް އަންހެނުން ރާދާ ޔާދަވްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ އިތުރުން، ރާޖްޕާލްގެ އަންހެނުން ރާދާ ޔާދަވް އާއި މަންމަ ގޯދާވަރީ ޔާދަވްގެ ނަމުގައި ހުރި ބައެއް މުދާތައް ވެސް ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައިވާތީ، އެ މުދާތަކާ މެދު ވެސް ފިޔަވަޅު އެޅުމަށް ބޭންކުން ދަނީ ތައްޔާރުވަމުންނެވެ. އަދި މުމްބާއީގައި ހުރި އޭނާގެ ބައެއް މުދާތައް ވެސް ނީލަން ކިޔުމުގެ މަސައްކަތް ބޭންކުން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައަކީ 2010 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މައްސަލައެކެވެ. ރާޖްޕާލް އާއި އޭނާގެ އަންހެނުން ވަނީ ފިލްމު އުފެއްދުމަށް ދިއްލީގެ ކުންފުންޏަކުން ފަސް ކްރޯޑް ރުޕީސްގެ ލޯނެއް ނަގާފައެވެ. ލޯނު ނުދެއްކި ގިނަ ދުވަސްވުމުގެ ސަބަބުން، އިންޓްރެސްޓާއި ޖޫރިމަނާއާއެކު މިހާރު މި އަދަދު ވަނީ ނުވަ ކްރޯޑާ ގާތްކޮށްފައެވެ.

މި މައްސަލައިގައި ޗެކް ބައުންސްވި މައްސަލައެއްގައި 2018 ވަނަ އަހަރު ރާޖްޕާލްގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެކި ފަހަރު މަތިން ކޯޓުން ދިން ފުރުސަތުތަކުގައި ފައިސާ ދެއްކުމަށް އޭނާ އެއްބަސްވި ނަމަވެސް، އެ ވައުދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން މިދިޔަ ޖުލައި މަހު ދިއްލީ ހައިކޯޓުން ވަނީ އޭނާގެ މައްޗަށް ކުރި ހުކުމް ދަމަހައްޓައި، ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ރާޖްޕާލްއަށް ދިމާވެފައިވާ މި ގާނޫނީ އަދި މާލީ ދަތިތަކުގައި ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިން ކަމަށްވާ ސަލްމާން ޚާން، އަޖޭ ދޭވްގަން، ވަރުން ދަވަން އަކްޝޭ ކުމާރު އަދި ސޯނޫ ސޫދު ފަދަ ފަންނާނުން ވަނީ އޭނާއަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް، ބޭންކަށް ދައްކަންޖެހޭ ބޮޑު ލޯނުގެ މައްސަލަ އަދިވެސް އޮތީ ހައްލެއް ނުލިބިއެވެ.

comment ކޮމެންޓް