މިދިޔަ ޖޫން މަހުގެ 26އިން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދެމުން އައި ރިއަލިޓީ ޝޯ "އެލަޔަންސް" ޓީވީ ހޯސްޓު މިނީ މާތުރު ކާމިޔާބުކޮށްފިއެވެ.
މިނީއާ އެކު ޝޯގެ ފައިނަލުގައި ވާދަކުރި އަނެއް ތިން ބައިވެރިންނަކީ، އަލީ ގޯނީ އަދި ރޫހީ ދޯސާނީއެވެ. "އެލަޔަންސް"ގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރުމަށްފަހު މިނީ ވަނީ އޭނާގެ މި ތަޖުރިބާއާ ބެހޭގޮތުން ވާހަކަދައްކާފައެވެ. މި ކާމިޔާބީއަކީ ހީވެސް ނުކުރާ ފަދަ އުފާވެރި އިހުސާސެއް ކަމަށް އޭނާ ސިފަކޮށްފައިވެއެވެ.
މިދިޔަ ބުދަ ދުވަހު ޕްރައިމް ވީޑިއޯއިން ދެއްކި މި ޝޯގެ ފައިނަލުގައި މިނީ ވަނީ "އެލަޔަންސް"ގެ ތަށީގެ އިތުރުން 50 ލައްކަ ރުޕީސްގެ ފައިސާގެ އިނާމު ހޯދާފައެވެ.
"އެލަޔަންސް ކާމިޔާބުވުމުން ކުރެވޭ އިހުސާސަކީ ބަޔާންކުރަން ދަތި އުފާވެރި އިހުސާސެއް. މި ދަތުރަކީ ނަފްސާނީ ގޮތުންނާއި، ވިސްނުމުގެ ގޮތުން އަދި ރޭވުންތެރިކަމުގެ ގޮތުން ވެސް އަހަންނަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް. މުބާރާތުގެ ކޮންމެ ދުވަހަކީ އަހަރެން އިތުރަށް ވަރުގަދަކޮށްދިން ދުވަހެއް. މީގެ ތެރޭގައި ހިތް ނުތަނަވަސްވި ވަގުތުތަކާއި، އުފާވެރި ވަގުތުތަކުގެ އިތުރުން، މުޅި އުމުރަށް ދެމިގެންދާނެ އެކުވެރިކަމާއި އަގުހުރި ފިލާވަޅުތަކެއް ލިބިއްޖެ،" މިނީ ބުނެފައިވެއެވެ.

"އެލަޔަންސް" ޝޯގެ ފައިނަލުގައި ވާދަކުރި ތިން ބައިވެރިން--ފޮޓޯ/އިންސްޓަގްރާމް
އޭނާ އިތުރަށް ބުނި ގޮތުގައި، މުބާރާތުގައި އެކުގައި ބައިވެރިވި ކޮންމެ މީހަކީ ވެސް އޭނާގެ މި ދަތުރުގައި މުހިންމު ދައުރެއް އަދާކުރި ބައެކެވެ. ތަށި އުފުލާލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ނަމަވެސް، އެންމެ ބޮޑު ހަދިޔާއަކީ މި ތަޖުރިބާއިން ލިބުނު ހަނދާންތަކާއި ގުޅުންތައް ކަމަށް މިނީ ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާއަށް އިތުބާރުކޮށް، ސަޕޯޓުކުރި އެންމެހާ ފަރާތްތަކަށް މިނީ ވަނީ ޝުކުރު އަދާކޮށްފައެވެ.
ފިލްމީ ތަރި ކުނާލް ކޭމޫ ހުށަހަޅައިދިން "އެލަޔަންސް" އަކީ ޕްރައިމް ވީޑިއޯގެ ފުރަތަމަ ބައިނަލްއަގުވާމީ 'ޑެއިލީ ރިއަލިޓީ ޝޯ'އެވެ. މިއީ ނެދަލޭންޑްސްގެ މަޝްހޫރު ފޯމެޓެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޝޯއެކެވެ.
ބެނިޖޭ އޭޝިއާއިން އުފައްދާފައިވާ ހަ ހަފުތާގެ މި މުބާރާތަކީ ރޭވުންތެރިކަމާއި، ޖިސްމާނީ އަދި ފިކުރީ ގޮންޖެހުންތަކެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ ފޯރިގަދަ މުބާރާތެކެވެ.
"އެލަޔަންސް"ގެ ފުރަތަމަ ސީޒަން މިހާރު ޕްރައިމް ވީޑިއޯ މެދުވެރިކޮށް ބަލާލެވޭނެއެވެ.