ކާތަކެތީގެ އަގު މިދިޔަ މަހު 5.89 ޕަސެންޓު އުފުލި، އެއްގަމު މަހުން 21 ޕަސެންޓްގެ އިތުރުވުމެއް

ބާޒާރުމަތީ ސަރަހައްދުގައި މީހަކު އެއްޗެހި އުފުލަނީ -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފް

ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގު މިދިޔަ ޖުލައި މަހު 5.89 ޕަސެންޓް އުފުލި، އެއްގަމު މަހުން އެކަނި ވެސް 21.43 ޕަސެންޓް އިތުރުވެފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި މިދިޔަ މަހުގެ 'އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި)' ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު އަސާސީ ތަކެތީގެ އަގުތައް ވަނީ ޖުމްލަ 6.07 އިންސައްތައިން މައްޗަށް ޖެހިފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އާންމުންގެ ބަޖެޓަށް އެންމެ ބޮޑު ލޮޅުމެއް އައިސްފައި ވަނީ އެއްގަމު މަހާއި ބުއިންތަކުގެ އަގުތަކާ ހެދިއެވެ. އެގޮތުން އެއްގަމު މަހުގެ އަގު 21.43 އިންސައްތައިން މައްޗަށް ގޮސްފައި ވާއިރު، ކޮފީއާއި ސައި ފަދަ ބުއިންތަކުގެ އަގު ވަނީ 20.20 އިންސައްތައިން އުފުލިފައެވެ.

މީގެ އިތުރުން ކައްކާ ގޭހުގެ ބާވަތްތަކުގެ އަގު 14.54 އިންސައްތައިން މައްޗަށް ދިޔައިރު، ހަކުރާއި ޖޭމު އަދި ޗޮކްލެޓް ފަދަ ތަކެތީގެ އަގު ވަނީ 10.73 އިންސައްތައިން އުފުލިފައެވެ. ހަމައެއާއެކު ކިރާއި ކިރުގެ ބާވަތްތަކާއި ކުކުޅުބިހުގެ އަގު 9.48 އިންސައްތައިން އަދި ކައްކާ ތެލުގެ އަގު 9.26 އިންސައްތައިން މައްޗަށް ގޮސް، އާންމު އާއިލާތަކުގެ ދިރިއުޅުމުގެ ޚަރަދުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ބާޒާރުމަތީގައި އޮރެންޖުތަކެއް ވިއްކަން ބަހައްޓާފައި -- ސަން ފޮޓޯ

ޖޫން މަހާ އަޅައިބަލާއިރު ޖުލައި މަހު އަސާސީ ތަކެތީގެ އަގުތަކުން 1.27 ޕަސެންޓް ކުޑަވި ނަމަވެސް، އެއީ ހަމައެކަނި ތަރުކާރީގެ އަގު 10.89 ޕަސެންޓް ދަށަށް ދިއުމުން އައި ވަގުތީ ބަދަލެއް ކަމަށް ރިޕޯޓުގައިވެއެވެ. ސަބަބަކީ އެހެން ގިނަ ބާވަތްތަކުގެ އަގުތައް މަހުން މަހަށް ވެސް އިތުރަށް މައްޗަށް ގޮސްފައިވުމެވެ. އެގޮތުން މޭވާއާއި ތަރުކާރީއާއި ޖޫހުގެ އަގު މަހުން މަހަށް 2.39 ޕަސެންޓުން މައްޗަށް ދިޔައިރު، ކިރާއި ބިހުގެ ބާވަތްތަކުގެ އަގު ވަނީ 0.95 ޕަސެންޓް އުފުލިފައެވެ. އަދި ކައްކާ ތެލުގެ އަގު 0.74 ޕަސެންޓް މައްޗަށް ދިޔައިރު، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ އަގު ވެސް ވަނީ 0.07 ޕަސެންޓް އިތުރުވެފައެވެ.

އެމްބީއެސްގެ ރިޕޯޓުގައިވާ ގޮތުން ކާތަކެތީގެ އަހަރީ އިންފްލޭޝަން ހުރީ 5.89 އިންސައްތައިގައެވެ. އަދި ބުއިންތަކުގެ އަހަރީ އިންފްލޭޝަން 5.75 އިންސައްތައިގައި ހުރިއިރު، މުޅި އިންޑެކްސްގެ 70.94 އިންސައްތައަކީ ކާތަކެތީގެ ހިއްސާއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި، ރާއްޖެއަށް މުދާ އެތެރެކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައިވެސް އަސާސީ ތަކެތީގެ އަގުތައް މަތީގައި ހިފެހެއްޓޭނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ.

https://sun.mv/224417

ހަމައެއާއެކު ރާއްޖެއަކީ ކާބޯތަކެތީގެ ގިނަ ބާވަތްތައް ބޭރު ގައުމުތަކުން އިމްޕޯޓް ކުރުމަށް ބަރޯސާވެފައިވާ ގައުމެއްކަމުން، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ކޮންމެ ނޭދެވޭ ބަދަލެއްގެ ނޭދެވޭ އަސަރު ސީދާ ގޮތުން ކުރެއެވެ.

ފެބުރުވަރީ 28 ގައި މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން ސަޕްލައި ޗެއިންތަކަށް ބުރޫއެރުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ބާޒާރުގައި ތެލާއި އަސާސީ މުދަލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލެން ފަށާފައެވެ. އަދި މި ހާލަތު އިތުރަށް ގޯސް ވަނީ، މިއީ ރާއްޖެއިން ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ދައްކަންޖެހޭ އަހަރަކަށް ވުމުންނެވެ.

މި ސަބަބަށްޓަކައި، ރާއްޖޭގައި ތަކެތީގެ އަގުތައް މައްޗަށް ދާނެ ކަމަށް ބޭރުގެ މާލީ އިދާރާތަކުން މިދިޔަ އަހަރު ވެސް އޮތީ އަންދާޒާކޮށްފައެވެ. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެންމެ ފަހުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ، މި އަހަރުގެ ބާކީ އޮތް ބައިގައި ރާއްޖޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް މަތިވަމުންދާނެ ކަމަށެވެ.

comment ކޮމެންޓް