ގެއްލުނު މީހުން ހޯދުމަށް ވައިގެ މަގުން 5،212 ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ

ގެއްލުނު މީހުން ހޯދުމަށް ވައިގެ މަގުން 5،212 ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި، އަދިވެސް ނުފެނޭ -- ފޮޓޯ: ސޯޝަލް މީޑިއާ

ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް ވައިގެ މަގުން 5،212 ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ މީހުން ނުފެންނަ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެ ހާދިސާއަކީ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ތ. މަޑިފުށިން ފުރައި، ތިލަފުށިން ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްގޮސްގެން ހިނގާފައިވާ ހާދިސާއެކެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.

ނަމަވެސް އެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.

އެއީ ނ. މަނަދުއަށް ނިސްބަތްވާ، 33 އަހަރުގެ ސާޖަންޓް އަލީ ނާފިއުއާއި އެމްއެންޑީއެފްގެ 39 އަހަަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދާއި، އަޑިއަށް ދިޔަ ދޯނީގެ ކައްޕި ކަމަށްވާ ތ. މަޑިފުއްޓަށް އުފަން، 35 އަހަރުގެ މުހައްމަދު ހަމްދޫނެވެ.

އެ މީހުން ގެއްލުނުތާ މިއަދަށް ތިން ދުވަސްވާއިރު، އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1،070.10 ނޯޓިކަލް މޭލު ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން ފެނިފައިނުވާ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ މީހުން ގެއްލުމާއެކު މުޅި ސޯޝަލް މީޑިއާގައި ވަނީ އެ މީހުންނަށް ހެޔޮ ދުއާތަކުން ފުރާލާފައެވެ. އެންމެން އަންނަނީ ތިން މީހުން ވެސް ސަލާމަތުން ފެންނާނެ ކަމަށް ދުއާ ކުރަމުންނެވެ.

https://sun.mv/225667

އެ ތިން މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން ޔޫއޭވީ (ޑްރޯން)ގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.

މި ފަހަކަށް އައިސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ވަސީލަތްތައް ހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް