މި އަހަރު ފުލުހަށް އެންމެ ގިނަ މައްސަލަ ރިޕޯޓުކުރީ ޖުލައި މަހު

ފުލުހުން ޑިއުޓީގައި: އަހަރުގެ މިހާތަނަށް ފުލުހަށް އެންމެ ގިނަ މައްސަލަ ރިޕޯޓުކުރީ ޖުލައި މަހު -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ މިހާތަނަށް ފުލުހަށް އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖުލައި މަހު ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ޖުމްލަ 7،616 މައްސަލަ ހުށަހަޅާފައިވާއިރު، ނިމުނު ޖުލައި މަހު އެކަނި ވަނީ ޖުމްލަ 1،170 މައްސަލައެއް ހުށަހަޅާފައެވެ. އެއީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ މަހެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ދެން އެންމެ ގިނަ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ޖަނަވަރީ މަހުގައެވެ. އެގޮތުން އެ މަހު ވަނީ އެ އިދާރާއަށް 1،108 މައްސަލަ ހުށަހަޅާފައެވެ.

ފެބުރުވަރީ މަހު 954 މައްސަލައެއް ހުށަހެޅިއިރު، މާޗު މަހު ވަނީ 973 މައްސަލަ ހުށަހަޅާފައެވެ. މީގެ އިތުރުން:

  • އޭޕްރިލް މަހު 1،025 މައްސަލަ
  • މެއި މަހު 1،56 މައްސަލަ
  • ޖޫން މަހު 1،104 މައްސަލަ
  • ޖުލައި މަހު 1،170 މައްސަލަ

މި ހިނގަމުންދާ އޯގަސްޓު މަހުގެ މިހާތަނަށް 226 މައްސަލައެއް ވަނީ އެ އިދާރާއަށް ރިޕޯޓުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. އެއީ ހުށަހަޅާފައިވާ މައްސަލަތަކުގެ 31.7 އިންސައްތަ ކަމަށްވާއިރު އެއީ ޖުމްލަ 371 މައްސަލައެވެ.

މަސްތުވާތަކެތި ނައްތާލުން: ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކުރާ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަ ހިމެނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެވަނައަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ޖުލައި މަހު ވައްކަމުގެ ޖުމްލަ 283 މައްސަލަ ހުށަހަޅާފައިވާއިރު އެއީ ހުށަހަޅާފައިވާ ޖުމްލަ މައްސަލައިގެ 24.2 އިންސައްތައެވެ.

ޖުލައި މަހު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފުސީލަށް ބަލާލާއިރު:

  • މަސްތުވާތަކެތީގެ މައްސަލަތައް: 371 މައްސަލަ
  • ވައްކަން: 283 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓް: 240 މައްސަލަ
  • ގެއްލިފައިވާ ތަކެތި: 80 މައްސަލަ
  • ހަމަލާދިނުން: 61 މައްސަލަ
  • ތަޅާފޮޅުން: 51 މައްސަލަ
  • ގެވެށި އަނިޔާ: 24 މައްސަލަ
  • ޖިންސީ ކުށްތައް: 24 މައްސަލަ
  • ޚިޔާނާތްތެރިވުން: 18 މައްސަލަ
  • ފޭރުން: 12 މައްސަލަ

ފާހަގަކޮށްލެވޭ ގޮތުގައި އަހަރުގެ މިހާތަނަށް ފުލުހަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 2،103 މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވާއިރު އެއީ ރިޕޯޓުކޮށްފައިވާ ޖުމްލަ މައްސަލަތަކުގެ 27.6 އިންސައްތަ މައްސަލައެވެ.

މީގެ އިތުރުން ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކުގެ ރިޕޯޓުތައް ކަމަށްވާއިރު، އެފަދަ 1،846 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް