10 އަހަރު ފަހުން، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

ޕޯޗުގަލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް، ޕޯޗުގަލްގެ ކަސްކައިސްގައި ބޭއްވި ރަސްމިއްޔާތެއްގައި ކައިވެނިކޮށްފިއެވެ.

ރޮނާލްޑޯގެ މަންދޫބުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ ބޭއްވި މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވީ އެ ދެމަފިރިންގެ ފަސް ކުދިން އެކަންޏެވެ.

ކައިވެނިކުރިކަން ހާމަކޮށްފައިވަނީ ދެ މީހުންގެ އަތުގައި އަނގޮޓި އަޅުވާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމުކުރުމަށްފަހުގައެވެ. މި ފޮޓޯ އާންމުކުރިތާ 30 މިނެޓުގެ ތެރޭގައި ތިން މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެއަށް ލައިކް ދީފައެވެ.

މި ދެ މީހުން ކައިވެނިކޮށްފައި މިވަނީ، އެންގޭޖްވިކަން އިއުލާންކުރިތާ ހަމަ ސީދާ އެއް އަހަރު ފުރުނު ދުވަހުއެވެ. ޖޯޖީނާ އެންގޭޖްވިކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓު 11 ގައެވެ. އެ ދުވަހު ޖޯޖީނާ އާންމުކުރި ޕޯސްޓެއްގައި، މި ހަޔާތުގައްޔާއި ކުރިއަށް އޮތް ހުރިހާ ހަޔާތެއްގައި ވެސް ރޮނާލްޑޯއާ އެކު އުޅުމަށް އެއްބަސްވާ ކަމަށް ބުނެފައިވެއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ އާއި 32 އަހަރުގެ ޖޯޖީނާ އެންމެ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރު ސްޕެއިންގެ މެޑްރިޑްގައި ހުންނަ ގުޗީ ފިހާރައަކުންނެވެ. އޭރު ޖޯޖީނާ އަކީ އެ ފިހާރައިގެ ސޭލްސް އެސިސްޓެންޓެކެވެ.

އޭގެ ފަހުން ފާއިތުވި 10 އަހަރު ދުވަހު އެ ދެ މީހުން އުޅުނީ އެކީގައެވެ. ކައިވެނިކުރުމުގެ ކުރިން، ރޮނާލްޑޯގެ އުފަން ރަށް ކަމަށްވާ މަޑެއިރާގައި މި ދެ މީހުން ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފަހުން ވަނީ ހާމަވެފައެވެ.

ކެރިއަރުގައި މިހާތަނަށް 1،000 އާ ގާތްކުރާ އަދަދަކަށް ލަނޑު ޖަހާފައިވާ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރު އަށެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕޯޓިން، މެންޗެސްޓާ ޔުނައިޓެޑް، ރެއާލް މެޑްރިޑް އަދި ޔުވެންޓަސްއަށް ކުޅެފައެވެ. އޭނާ ވަނީ ދާދި ފަހުން އޭނާގެ ހަވަނަ ވޯލްޑް ކަޕްގައި ކުޅެފައެވެ. މިއީ އާޖެންޓީނާގެ ލިއޮނަލް މެސީއާ އެއްވަރަށް، ވޯލްޑް ކަޕްގައި އެންމެ ގިނަ މުބާރާތް ކުޅުމުގެ ރެކޯޑެކެވެ.

comment ކޮމެންޓް