މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ބޭރުގެ ލޯނުތައް އަދާކުރުމަށް ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް, މިއަހަރު ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ޚަރަދުވި 3.9 ބިލިއަން ރުފިޔާއާ އަޅައި ބަލާއިރު 146.0 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މި އަހަރަށް ލޯނު ދެއްކުމަށް ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާއެވެ.
ބޮޑެތި ލޯނުތަކެއް ދައްކަން ޖެހިފައި އޮތުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއެރުމަށާއި ބޭރު ފައިސާގެ ތާށިކަމަށް އޮތް ހުރަހެކެވެ. މި ދަރަނިތަކަކީ ވޭތުވެދިޔަ އެތައް ސަރުކާރަކުން ނަގާފައިވާ ދަރަނިތަކެވެ.
ޚަރަދުގެ ބަޔަށް ބަލާއިރު، ރިކަރަންޓް ޚަރަދު ވަނީ 20.2 އިންސައްތަ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރު 19.9 ބިލިއަން ރުފިޔާގައި ހުރި ރިކަރަންޓް ޚަރަދު ވަނީ 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރި 9.4 ބިލިއަން ރުފިޔާގެ ޚަރަދާއި، ސަރުކާރު ހިންގުމާއި އިދާރީ ކަންކަމަށް ކުރި 14.4 ބިލިއަން ރުފިޔާގެ ޚަރަދު ހިމެނެއެވެ.
އެހީއާއި ސަބްސިޑީގެ ޚަރަދުތައް ވެސް ވަނީ 43.3 އިންސައްތަ އިތުރުވެ، 7.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރޭގައި ސަބްސިޑީއަށް ކުރި 3.2 ބިލިއަން ރުފިޔާގެ ޚަރަދާއި އާސަންދައަށް ކުރި 1.3 ބިލިއަން ރުފިޔާގެ ޚަރަދު ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ކެޕިޓަލް ޚަރަދު ވަނީ 3.1 ބިލިއަން ރުފިޔާއިން 3.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރި 1.1 ބިލިއަން ރުފިޔާގެ ޚަރަދާއި، ފާލަމާއި ބަނދަރުތަކަށް ކުރި 261.0 މިލިއަން ރުފިޔާގެ ޚަރަދުގެ އިތުރުން އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި 791.2 މިލިއަން ރުފިޔާގެ ޚަރަދު ހިމެނެއެވެ. އަދި ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ޚަރަދުވެސް ވަނީ 12.1 އިންސައްތަ އިތުރުވެ 416.8 މިލިއަން ރުފިޔާއަށް އަރާފައެވެ.
މި މުއްދަތުގެ ނިޔަލަށް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވެއެވެ. ނަމަވެސް، ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.