ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ޝަރަފުވެރި އެއް އިވެންޓް ކަމަށްވާ "ވާރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ, އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައި، ވިޒިޓް މާލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން އެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ޕާޓްނަޝިޕް އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާއެވެ.
އޮފިޝަލް ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް މުވާސަލާތީ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ޑިޖިޓަލް ވަސީލަތްތަކާއި ކަނެކްޓިވިޓީގެ އެހީގައި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް މަސައްކަތް ކޮށްދޭނެއެވެ.
އުރީދޫ ބިޒްނަސްއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އައިސީޓީ ސޮލިއުޝަންތަކާއި، މެނޭޖްޑް ސަވިސަސް، ހޯސްޓަޑް ސޮލިއުޝަންތަކުގެ އިތުރުން ޒަމާނީ ޑޭޓާ ސެންޓަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ތަޖުރިބާކާރު އަދި އިތުބާރު ލިބިފައިވާ ބައިވެރިއެކެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވަނީ މިފަދަ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެއް ބޭއްވުމުގައި އިތުބާރުހުރި ޑިޖިޓަލް ކަނެކްޓިވިޓީއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އަދި ވާރލްޑް ޓްރެވަލް އެވޯޑްސް 2026 ގައި ބައިވެރިވާ މަންދޫބުންނާއި، ސިނާއަތުގެ ބައިވެރިންނާއި މީޑިއާތަކަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އުރީދޫއާއެކު މަސައްކަތްކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ، ވާލްޑް ޓްރެވަލް އެވާރޑްސްގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.
އަދި "މެހެމާނުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ކުރިއެރުމުގެ އާ ފުރުސަތުތައް ހޯދައިދިނުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވާރލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް، އެންމެ ކުރިއަރާފައިވާ ފަތުރުވެރި މަންޒިލްތަކާއި، ޖަމިއްޔާތަކާއި، އަދި ބްރޭންޑްތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.
މި އެވޯޑުގެ އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026 ގެ އެޑިޝަން ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަކުރުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.