ޑޮލަރު ތާށިކަމަށް ބުނެ، އިދިކޮޅުން ވާހަކަ ދައްކަނީ މުޒާހަރާއަށް މީހުން ނެރެން: ސައީދު

މިނިސްޓަރު ސައީދު: ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކުން ޑޮލަރުގެ ތާށިކަމަށް ބުނެ، ވާހަކަ ދައްކަނީ މީހުން މުޒާހަރާއަށް ނެރުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ވީޑިއޯ ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ޑޮލަރު ތާށިކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވާހަކަދެއްކުމުން ޑޮލަރުގެ ކަޅު ބާޒާރަށް ހިތްވަރު ލިބޭ ކަމަށާއި އިގުތިޞާދަށް ނުރައްކާވާ ކަމަށެވެ.

މިނިސްޓަރު ވަނީ، އެ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަނީ ކީއްވެކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

"މި ކުރާ މަގުސަދު ވެސް އިނގޭ. މުޒާހަރާއަށް މީހުން ޖަމާކުރުމުގެ ބޭނުމުގައި މި ކަން ކުރަނީ. އެހެންނަމަވެސް ރައްޔިތުންނަށް މި ކަންކަމުގެ ހަގީގަތް އެނގޭ. ކަންކަން ވަމުންދާ ގޮތް ކިޔައިދެވޭތޯ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ވެސް ޒިންމާއެއް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެ ފަދައިން ވިދާޅުވިއިރު، މާދަމާ ރޭ އިދިކޮޅު އެމްޑީޕީން ވަނީ 'ދަތިވެއްޖެ' ނަމުގައި މުޒާހަރާއެއް ބާއްވަން ނިންމާފައެވެ.

ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓުގެ އެ ވީޑިއޯގައި މިނިސްޓަރު ވަނީ، މިދިޔަ އެމްޑީޕީ ސަރުކާރުގައި ޑޮލަރުގެ ކަންކަން ހުރި ގޮތަށް އަލިއަޅުވާލައްވާފައެވެ.

މީހަކު ޑޮލަރެއް ނަގަނީ --- ފޮޓޯ: ބީއެމްއެލް

މިގޮތުން، މިހާރު މި އޮތީ އެ ސަރުކާރުގައި އޮތް ހާލަތެއް ނޫން ކަމަށާއި ވިޔަފާރިތަކާއި ބޭރުގައި ކިޔަވާ ދަރިވަރުންނާއި ބޭސްފަރުވާއަށް ބޭރަށްދާ މީހުންނަށް އެމްއެމްއޭއިންނާއި ބީއެމްއެލްއިން ޑޮލަރު ދޫކުރަނީ ދުވަހަކުވެސް ދޫކޮށްފައިނުވާ އަދަދަކަށް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

"ކަޅުބާޒާރުގައި މި ކަން ކުރަނީ، ބޭންކިން ސިސްޓަމުގެ ތެރެއަށް ޑޮލަރު ނުވައްދާ، ކަޅު ބާޒާރުގައި ޑޮލަރު ލިބޭ ފަރާތްތަކުން ވިއްކާތީ. އެ ކަމަށް ހިތްވަރު މި ދެނީ މި ދަންނަވާ ޚަބަރުތަކުގެ ސުރުޚީތަކާއި ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިބި ބޭފުޅުން" ސައީދު ވިދާޅުވިއެވެ.

https://www.sun.mv/225927

ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ކުޑަކުރުމަށް ކުރީގެ ރައީސް ނަޝީދު، ސަރުކާރަށް ގޮވާލެއްވި ވާހަކައަށް ވެސް މި ވީޑިއޯގައި މިނިސްޓަރު އަލިއަޅުވާލެއްވިއެވެ.

މިގޮތުން، އެ މަނިކުފާނުގެ ވެރިކަމުގައި ޑޮލަރު ނުލިބިގެން އެމްއެމްއޭގެ ދޮރާށިން ފެށިގެން މަސްމާރުކޭޓާ ހަމައަށް ކިޔޫ ދަމާލުމުން ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަވާނެ ކަމަށް އޭރު ނަޝީދު ވިދާޅުވި ކަމަށް ސައީދު ވިދާޅުވިއެވެ. އަދި، އެ ވެރިކަން ނިމުނުއިރު، ޑޮލަރެއްގެ އަގު ހުރީ 17 ރުފިޔާގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް މުޚައްމަދު ނަޝީދު: އެ މަނިކުފާނުގެ ވެރިކަމުގައި ޑޮލަރުގެ ކަންކަން ހުރި ގޮތަށް ސައީދު އަލިއަޅުވާލެއްވި -- ސަން ފޮޓޯ: ޝާތިއު އަބްދުالله

މީގެއިތުރުން، ތަކެތީގެ އަގުތައް އުފުލޭ ވާހަކަ މިހާރު ރައީސް ނަޝީދު ދައްކަވާއިރު، އެ މަނިކުފާނުގެ ވެރިކަމުގައި ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލެއްވި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވީ، ކުރީގެ ރައީސުންނަށް ރައްޔިތުން "ނޫނެކޭ ބުނުމުން "ހުދު ގަމީހެއް" ތުރުކުރައްވައިގެން އަލުން ނިކުންނަވަނީ ކަމަށާއި ރައްޔިތުންނަށް ހަމަ ނޭވާ ލެވުނީ، ދަތިތަކާ އެކު ވެސް ލޯނުތައް ދެއްކުމުން ކަމަށެވެ.

އެހެންވެ، މި ދަނޑިވަޅުގައި ގައުމުގެ އިގުތިޞާދަށް ނުރައްކާވާ ވާހަކަތައް ނުދެއްކުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެމުންދަނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުޚީތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ސައީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ ބައެއް ނޫސްތަކުގެ ހެޑްލައިންތަކުގައި ހެނދުނު ހޭލާއިރު އެދުވަހުގެ ރޭޓަކީ 22 ރުފިޔާ ކަމަށް ޖަހާފައި ހުންނަ ކަމަށާއި އެފަދަ ސުރުޚީތަކަކީ "ޕެނިކް އުފައްދައި"، "ފޭކް ނިއުސް" ފަތުރައި "މެނިޕިއުލޭޓް" ކުރުމަށް ޖަހާ ސުރުޚީތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

https://sun.mv/225860

ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރިކުރާ ތަންތަނުންނާއި ކަޅުބާޒާރުގައި ޑޮލަރު ވިއްކަނީ ރަސްމީ ރޭޓަށް ވުރެ މާ ބޮޑުކޮށެވެ. އެގޮތުން މި ހަފްތާ ފެށުނުއިރު ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.10 ރުފިޔާ އަށް އުފުލިފައެވެ.

ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.

comment ކޮމެންޓް