25 އަހަރު ކުރިން ފިރިމީހާއަށް ހިބައިން ދިން ގޯއްޗާ ގުޅިގެން ހައިކޯޓުގެ އަމުރެއް

އައްޑޫ ސިޓީ ހިތަދޫ: -- ފޮޓޯ/ ޕީއެސްއެމް

މީގެ 25 އަހަރު ކުރިން އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލައަކާ ގުޅިގެން، އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މިއީ 2000 ވަނަ އަހަރު، އައްޑޫ ހިތަދޫ ކޯޓުން ނިންމި ހިބައާ ގުޅޭ މައްސަލައެކެވެ. މިއީ، އަނބިމީހާ، އޭނާގެ ގޯތިން ބައެއް ފިރިމީހާއަށް ހިބައިން ދިން ކަމަށް ބުނާ މައްސަލައެކެވެ. ހައިކޯޓުގެ އަމުރުގައިވާ ގޮތުން މިއީ، މައްސަލަ ހުށަހެޅި އަންހެން މީހާގެ މިލްކުގައިވާ ސ. ހިތަދޫގެ ގެއެއްގެ ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ ދެބައިކުޅަ އެއްބައި އޭނާގެ ފިރިމީހާއަށް ހިބައިންދިނުމަށް އެދި ހުށަހެޅުމުން ބެލި މައްސަލައެކެވެ.

ހިތަދޫ ކޯޓުން 2000 ވަނަ އަހަރު އެ މައްސަލަ ނިންމާފައިވަނީ، އަންހެން މީހާގެ ފަރާތުން ހިބައިންދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެ ހިބައިގެ އީޖާބާއި ޤަބޫލު ޝަރީޢަތުގެ ޞައްޙަ މަގުން ހިނގައިނިމިފައިވާތީ، އަންހެން މީހާގެ ފަރާތުން ދިން ހިބައަކީ ޞައްޙަ ހިބައެއްކަމަށެވެ.

އެކަމަކު، 25 އަހަރު ފަހުން އަންހެން މީހާގެ ފަރާތުން ސުވާލު އުފައްދާފައިވަނީ، އަންހެން މީހާގެ ޕަވަރ އޮފް އެޓަރނީއެއްގެ ދަށުންކަމަށް ބުނެ، ހިބައިގެ އިޖާބާއި ޤަބޫލު ހިންގައި އެ ހިބަ ޞައްޙަކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާއިރު، އެ ބުނާ ޕަވަރ އޮފް އެޓަރނީގެ ވުޖޫދާއި، އޭގެ ޞައްޙަކަމާއި އަދި އޭގެ ޝަރުޢިއްޔަތާމެދު އުފައްދާ ބަހުސެކެވެ.

މި މައްސަލައިގައި ހައިކޯޓުން މިއަދު އަމުރެއް ނެރެފައިވަނީ، ހިބައިން ދިން ކަމަށް އަންހެން މީހާ މިހާރު ސުވާލު އުފައްދާތީއެވެ. އަންހެން މީހާ، ހިބައިން ދިން ކަމާމެދު ސުވާލު އުފައްދާއިރު، ހައިކޯޓުގެ އަމުރުން އެނގޭ ގޮތުގައި މި ދެމީހުންނަކީވެސް މިހާރު ދުވަސްވެފައިވާ ދެމީހުންނެވެ.

ދެހާސް ވަނަ އަހަރު ނިންމި މި މައްސަލައަކީ، ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެ އަންހެން މީހާގެ ފަރާތުން މިދިޔަ އަހަރު އެދުމުން ހުއްދަ ދިން މައްސަލައެކެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.

މި މައްސަލައިގައި ހައިކޯޓުގެ އިސްފަނޑިޔާރު ހިމެނޭހެން ތިން ފަނޑިޔާރުންގެ ބެންޗަކުން މިއަދު ނެރުނު އަމުރުގައިވަނީ، ހައިކޯޓުގައި ހިނގަމުންދާ މައްސަލަ ނިމެންދެން، ހިބައިން ދިން ކަމަށް ސުވާލު އުފެދިގެން އުޅޭ ގޯއްޗާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށްކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން އަންހެން މީހާގެ އާއިލާއިން "ސަން" އަށް މައުލޫމާތު ދިން މީހަކު ބުނިގޮތުގައި ގޯތީގެ އަސްލު ވެރި މީހާއަކީ އޭނާގެ ދައްތަ ކަމަށާއި ދައްތައަކީ ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއް ކަމަށެވެ. ދައްތަގެ އެ ގޯތި ފިރިމީހާ އަތުލާފައިވަނީ އޮޅުވާލައިގެން ކަމަށް އޭނާ ތުހުމަތު ކުރެއެވެ. އަދި އެކަން އެ އާއިލާއަށް އެނގުނީ ވަރަށް ފަހުން ކަމަށް ވެސް ބުންޏެވެ.

"ދައްތަގެ އާއިލާއިން އެ ބިމުގައި ގޯތި ހެދީވެސް. ފަހުން އާއިލާއަށް އެނގުނީ ރަޖިސްޓްރީ ބަދަލު ކޮށްފައިކަން. ގޯތީގެ ލިޔެކިޔުމެއް އައްޑޫ ސިޓީގެ އެއްވެސް ރަސްމީ އިދާރާއަކު ނެތް. އެ މީހުންގެ އާރާއި ބާރު ބޭނުންކޮށްގެން އެކަންކަން ކޮށްފައިވަނީ," އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

comment ކޮމެންޓް