މީގެ 11 އަހަރުކުރިން ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އެރަށު ހީނާވިލާ މުހައްމަދު ޝަނޫން މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށްފިއެވެ.
ޒިޔަދަމްގެ ފަލަމަސްގަނޑަށް, އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމަ އެ ރަށު ބީޗްވިލާ އަލީ ޝިފާމްގެ މައްޗަށެވެ.
މާޗް 2015 ގައި މުންޑޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު، ޒިޔަދަމަށް ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ކުށް އެ ރަށު ހީނާވިލާ ޝަނޫނާއި އަދި އެކަމުގައި އެހީތެރިވުމުގެ ކުށް އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވާތީ ޝަނޫން މެރުމަށާއި ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، 2023 ވަނަ އަހަރު އެވެ.
އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އޭނާގެ ހުރިހާ ވާރިސުން ވެސް ކޯޓުގައި ކުރިން އޮތީ ބުނެފިއެވެ.
ޝަނޫން މެރުމަށް ކުރި ހުކުމް ހައިކޯޓަށް ހުށަހެޅީ ދައުލަތުންނެވެ. އެއީ ހުކުމުގެ ސައްހަކަން ކަށަވަރުކުރާށެވެ. މި މައްސަލާގެ ހުކުމް އިއްވުމަށް ބޭއްވި މަޖިލީހުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު ހުޒައިފާ މުހައްމަދު ވިދާޅުވީ ޒިޔަދަމަށް ތޫނު އެއްޗަކުން ޝަނޫން ހަމަލާދިންކަން ސާބިތުވާ މިންވަރުގެ ހެކި ދަށު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޒިޔަދަމަށް ޝަނޫން ހަމަލާދިން މަންޒަރު ފެނުނު ކަމަށް ހެކިން ހެކިބަސް ދީފައިވާއިރު، ހަމަލާދިން ތަނުގައި ޒިޔަދަމްގެ ލޭގެ އިތުރުން ޝަނޫންގެ ލޭ ވެސް ހުރިކަން ހެކިތަކުން އެނގޭ ކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުޒައިފާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އިބްރާހިމް މާހިރު އެވެ. ޝަނޫން މަރަން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުވިއެވެ.