ހެންވޭރުގެ ގެއެއްގެ ހަތްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައި ރޯވެ, ބޭނުންނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފުން މިރޭ ނުވައެއް ޖަހާކަން ހާއިރު މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ, ރޯވެފައިވަނީ ހ. ފަހިވައި ނަމަކަށް ކިޔާ ގޭގެ ހަތްވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައި ކަމަށެވެ.
އޭގެ ބައި ގަޑިއިރު ފަހުން, އަލިފާން އެއްކޮށް ނިވައިލެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އެމްއެންޑީއެފުން ނުބުނެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެންގޮސް އަނިޔާވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށެވެ. ނަމަވެސް، ފުލުސް މީހާ އަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެޕާޓްމަންޓް ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ. އެގޮތުން އެ ތަނުގައި ހުރި ހިފާގެންގުޅޭ ގިނަ ތަކެތި ވަނީ މުޅިންހެން އަނދައިފައެވެ.