ޑޮލަރުން މުސާރަ ދިނުން ހުއްޓުވައި، ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރާ ގޮތަށް 2030ވަނަ އަހަރާ ހަމައަށް ބަދަލުކުރަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރާއި ވަޒީރުން -- ފޮޓޯ: ރައީސް އޮފިސް

ރާއްޖޭގައި ޑޮލަރުން މުސާރަ ދިނުމާއި، ރާއްޖޭގެ އެތެރޭގައި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުމާއި، އެފަދަ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް 2030 ވަނަ އަހަރާ ހަމައަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވީ، މިއީ ގާތްގަނޑަކަށް 40 އަކަށް ނުވަތަ 50 އަކަށް އަހަރު ވެފައިވާ ނިޒާމަކަށް ގެންނަ ބޮޑު ބަދަލަކަށް ވާތީ، މިއީ އެއްވެސް ހާލެއްގައި އެއްރެއިން އަނެއްރެއަށް ނުވަތަ "އޯވަނައިޓްކޮށް" ގެނެވޭނެ ބަދަލެއް ނޫން ކަމަށެވެ.

އެހެންނަމަވެސް އެމްއެމްއޭގެ ދުރު ރާސްތާގެ ވިސްނުމަކީ 2030 އާ ހަމައަށް ދާއިރު ރާއްޖޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ މީގެ ކުރީގެ ގަވަރުނަރުން ވެސް ގެންގުޅުއްވި ވިސްނުންފުޅުކަމަށް މުނައްވަރު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު -- ފޮޓޯ: ރައީސް އޮފިސް

މި ބަދަލުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެއާޕޯޓްތަކަށާއި ސަރުކާރަށް ކުލީގެ ގޮތުގައި ދައްކާ ފައިސާގެ އިތުރުން، އެކި އަމިއްލަ ކުންފުނިތަކާއި ރިސޯޓުތައް ފަދަ ތަންތަނުން މުވައްޒަފުންނަށް ޑޮލަރުން ދޭ މުސާރަތައް ވެސް ރުފިޔާއަށް ބަދަލުކުރަން ޖެހޭނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ.

އަދި މިފަދަ ބަދަލުތަކެއް ގެނެވިގެން ނޫނީ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފައިސާ ސަޕްލައިގައި 40 އިންސައްތައަށް ވުރެ މަތީގައި ބޭރު ފައިސާ ބޭނުންކުރެވެމުންދާ ކަމަށާއި، މިފަދަ ހާލަތެއްގައި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން މެކްރޯ އިކޮނޮމިކް އަދި ބަޖެޓުގެ ސިޔާސަތުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން އިގުތިޞާދު ހަމައަކަށް އަޅުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ނިޒާމު ކުރިއަށް އޮތް ތަނުގައި ބައްޓަންކުރުމުގެ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ވިދާޅުވީ، އަމާޒަކީ "މެނޭޖްޑް ފްލޯޓިން" އެކްސްޗޭންޖް ރޭޓް ނިޒާމަކަށް ދިއުން ކަމަށެވެ. ނަމަވެސް އެފަދަ ނިޒާމެއް ކާމިޔާބުކަމާއެކު ހިންގޭނީ ސެންޓްރަލް ބޭންކުގައި އެކަށީގެންވާ ރިޒާވެއް ހުރެގެން ކަމަށާއި، ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކަނޑައަޅާ ރޭޓް ހިފެހެއްޓެނީ ރިޒާވްގެ އެހީގައި ކަމަށް ވިދާޅުވިއެވެ.

އެގޮތުން، މަދުވެގެން ތިން މަސް ނުވަތަ ހަތަރު މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް އެމްއެމްއޭގައި ހުންނަން ޖެހޭނެ ކަމަށާއި، މިހާރު ކަނޑައަޅާފައިވާ އަމާޒުތަކާއެކު ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި އެ މިންވަރަށް ރިޒާވް އިތުރުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

އަދި އެ ހިސާބަށް ދިއުމުން ދިވެހި ރުފިޔާއަށް ގެންނަން ބޭނުންވާ ޖުމްލަ ހެޔޮ ބަދަލުތައް ފުރިހަމަކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް