ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުން އިބްރާހިމް ޝިއުރީ އިސްތިއުފާ މިއަދު ދެއްވައިފިއެވެ.
ކުރިން އެމްއެމްޕީއާރުސީގެ ނަމުގައި ހިންގި ކުންފުނި ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމަށް ޝިއުރީ އައްޔަން ކުރެއްވީ ޖޫން 13، 2024 ގައެވެ.
އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު ވަނީ އެތަނުގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފައިވާކަން ވަނީ އެނގިފައެވެ.
އޭނާއަކީ މި ސަރުކާރުން މި މަގާމަށް އައްޔަން ކުރެއްވި ދެވަނަ ބޭފުޅާއެވެ. މި ސަރުކާރުން އެންމެ ފުރަތަމަ އެ މަގާމަށް އައްޔަން ކުރެއްވީ ފާތިމަތު ތައުފީގު (ކުޑީ) އެވެ.
ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ހާސިލް ކުރައްވާފައިވާ ޝިއުރީއަކީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.