މި އަހަރުގެ ދިރާގު ރޯޑް ރޭހުގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
މި އަހަރުގެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓުގައި ބައިވެރިވެވޭނީ 4000 މީހުންނަށެވެ. އެހެންކަމުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނީ އެ އަދަދު ހަމަވަންދެނެވެ.
މި ދުވުމުގައި 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު އޯޕަން ކެޓެގަރީ އަދި ޓީމް ކެޓެގަރީގައި ރަޖިސްޓްރީވެވޭނެއެވެ. އަދި، މުޅިން އަލަށް މި އަހަރު ތައާރަފުކުރި ކެޓެގަރީތަކުގެ ތެރޭގައި ކޯޕަރޭޓް ޓީމާއި ރިޒޯޓް ޓީމާއި ރަނިން ކްލަބްސް އަދި ކޮލެޖް/ޔުނިވާސިޓީ ކެޓަގަރީ ހިމެނެއެވެ.

ދިރާގު ރޯޑް ރޭހެއްގެ ތެރެއިން: މި ދުވުމުގައި ރަޖިސްޓްރީވާން ވަނީ ހުޅުވާލާފައި --- ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް
މިއިން ކޮންމެ ކެޓަގަރީއެއްގައި ވެސް ހަތަރު ދުވުންތެރިންގެ ޓީމުތަކުން ބައިވެރިވެވޭނެއެވެ. އެ ދުވުންތެރިން ރަޖިސްޓްރީ ކުރަން ޖެހޭނީ ކޮންމެ ޓީމެއްގެ ވެސް ލީޑަރެވެ. ކޮންމެ ކެޓަގަރީއަކުން ޗެމްޕިއަން ޓީމެއް ހޮވުމަށް ދިރާގުން ވަނީ ނިންމާފައެވެ.
ދިރާގުން ބުނީ، ބައިވެރިންނަށް ރަޖިސްޓްރީ ކުރެވޭނީ ފައިވް ކޭ އޯޕަން ކެޓަގަރީ ނުވަތަ ފައިވް ކޭ ޓީމް ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓެގަރީއެއްގައި ކަމަށެވެ.
މި ދުވުމުގެ އެކި ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 296,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.
މި ދުވުމުގައި ބައިވެރިވާ ކޮންމެ ދުވުންތެރިއަކަށް ދުވުމަށް ޚާއްސަ ޓީޝާޓާއި ބިބްއަކާއި ބޭގަކާއި މެޑަލެއް ލިބޭނެއެވެ.
ޝައުގުވެރިވާ ފަރާތްތަކަށް dmrr.dhiraagu.com.mv މެދުވެރިކޮށް މިހާރު ރަޖިސްޓާ ކުރެވޭނެއެވެ.