ދިރާގުގެ އަހަރީ ފުޓްސަލް މުބާރާތުގެ 20 ވަނަ އެޑިޝަން، "ޑެސްކަޕް 2026" ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.
ކޮންމެ އަހަރަކު ވެސް ދިރާގު މުވައްޒަފުންނަށް ހާއްސަކޮށްގެން ދިރާގު އީ-ކްލަބް (އެމްޕްލޯޔީސް ކްލަބް) އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 19 ޓީމަކުން 300 އެއްހާ މުވައްޒަފުން ބައިވެރިވެ، ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
ވާދަވެރި ކުޅުމަކަށްފަހު މުބާރާތުގެ ސީ.އީ.އޯ އެންޑް އެމް.ޑީސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ސީ.އެން.އެފް.ސީ ޓީމުންނެވެ.
މީގެ އިތުރުން، ޕްރިމިއާ ލީގުގެ ފައިނަލްގައި ޑީ.އެސް.އެސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް، އެ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ ސީ.އެން.އެފް.ސީ ޓީމެވެ.
ސުޕަ ލީގުގެ ފައިނަލްގައި ފިނޭންޒެސް ޓީމާ ވާދަކޮށް އީ.އޯ.ސީ ޔުނައިޓެޑް ޓީމުން ވަނީ ސުޕަ ލީގުގެ ތަށި އުފުލައިލައިފައެވެ.
އަދި މީގެ އިތުރުން، ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ "ވިމެންސް ފިއެސްޓާ" ގެ ފައިނަލްގައި އާރް.އޯ.ސީ ސްޓާސްއާ ވާދަކޮށް، ޗެމްޕިއަންކަން ހޯދައިފައިވަނީ ފިނޭންޒެސް ޓީމެވެ.
މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރުމުގެ މަގު ފަހިކޮށްދީ، މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ދިރާގުން ދޭ ހާއްސަ އަހައްމިޔަތުކަން ހާމަވެގެންދާ ހަރަކާތެކެވެ.
މި ގޮތުން، ދިރާގު އީ-ކްލަބް މެދުވެރިކޮށް މަސައްކަތުގެ މާހައުލުން ބޭރުން ކުޅިވަރާއި، މުނިފޫހިފިލުވުން އަދި އިޖުތިމާއީ އެކި ހަރަކާތްތައް މެދުވެރިކޮށް މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މުވައްޒަފުންނަށް ހިތްގައިމު އަދި މަސައްކަތްކުރާ ހިތްވާ މާހައުލެއް ބިނާކޮށްދީ، އެކަން ދެމެހެއްޓުމަކީ ދިރާގުން ނުހަނު އިސްކަމެއް ދޭ ކަމެކެވެ.