"އަދަދު" ނޫހުގެ ކޮންޓެންޓެއްގެ މައްސަލައިގައި ފުލުހުން ހިފެހެއްޓި ތަކެތި އަނބުރާ ރައްދުކުރެވޭނެ ހަމައެއް ނެތް ކަމަށް، ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އަދަދު ނޫހުގެ ސާމާނު ގެންދިޔައީ އޭޕްރިލް މަހުގެ 27ވަނަ ދުވަހުގެ ރެއެވެ.
ކްރިމިނަލް ކޯޓުން އޭރު ވަނީ، އަދަދު ނޫހުގެ ޑިޖިޓަލް އާލާތްތަކުން މައުލޫމާތު ހޯދުމުގެ ހުއްދަ ދީފައެވެ.
އެ ކޯޓުން މިރޭ ބުނީ ފުލުހުންގެ ތަހުގީގު ނުނިމޭތީ އަދަދު ނޫހުގެ އޮފީހުން ނެގި ބައެއް ސާމާނު އަދި ހަވާލުކުރެވެން ނެތް ކަމަށް ނިންމައިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އެ ނިންމުން ނިންމެވީ ގާޟީ އިބްރާހީމް ޒިހުނީއެވެ.
މިދިޔަ މާރިޗު މަހު އަދަދު ނޫހުން ގެނައި ކޮންޓެންޓުގެ މައްސަލައިގައި، އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އެ ދެމީހުންގެ ޕާސްޕޯޓު ވެސް އޭރު ހިފެހެއްޓިއެވެ.
އެ މައްސަލައާ ގުޅިގެން ކޯޓުން ވަނީ ގެގް އޯޑަރެއް ވެސް ނެރެފައެވެ. އެ ގެގް އޯޑަރު ބާތިލުކުރުމަށް، ފިޔާޒްގެ ފަރާތުން ހައިކޯޓަށް މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑު އެހުން ފަށަން ތާވަލުކޮށްފައި އޮތީ ޖޫން މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 9:15 ގައެވެ. މައްސަލަ ކެންސަލް ކުރިކަން ކޯޓުން އެންގީ ނުވައެއްވެސް ޖެހި ފަހުންނެވެ. އެނގިފައިވާ ގޮތުގައި، އޭރު ޕީޖީގެ ލޯޔަރުންނާއި ފިޔާޒް އަދި ފިޔާޒްގެ ލޯޔަރުންވެސް ތިބީ ކޯޓުގައެވެ. މައްސަލަ ކެންސަލް ކުރި ސަބަބެއް ހައިކޯޓުން ނުބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ވެސް ލިއެވެ. އެއާއެކު، އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ އެކަން ކުށްވެރި ވެސް ކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައަށް ވަނީ ބައިނަލްއަގްވާމީ ގޮތުން ވެސް ސަމާލުކަން ލިބިފައެވެ.