ކްރިޕްޓޯ އޭޓީއެމްތައް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކުގައި 388 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާތީ، މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް އެމެރިކާގެ ކޮމޮޑިޓީ ފިއުޗާސް ޓްރޭޑިން ކޮމިޝަން (ސީއެފްޓީސީ) އިން އާންމުންނަށް އިންޒާރު ދީފިއެވެ.
ސީއެފްޓީސީން މި އިންޒާރު ނެރުނީ 2025 ވަނަ އަހަރު ކްރިޕްޓޯ ކިއޮސްކްތަކާ ގުޅުންހުރި 13،400 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ހިސާބުތަކުން ދެއްކުމާ ގުޅިގެންނެވެ.
އެފްބީއައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރާ އަޅާބަލާއިރު މައްސަލަތައް ހުށަހެޅުނު ނިސްބަތް ވަނީ 23 އިންސައްތަ އިތުރުވެފައެވެ. އަދި ސްކޭމްތަކުގައި ގެއްލުނު ފައިސާގެ މިންވަރު ވަނީ 58 އިންސައްތަ އިތުރުވެފައެވެ. ގިނަ ބަޔަކު މިފަދަ މައްސަލަތައް ރިޕޯޓް ނުކުރާތީ، ހަގީގަތުގައި ގެއްލުނު ފައިސާގެ އަދަދު މިއަށް ވުރެ މާ ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.
އާންމު ބޭންކު އޭޓީއެމްތަކާ ހިލާފަށް ކްރިޕްޓޯ ކިއޮސްކަކީ ނަގުދު ފައިސާ ކްރިޕްޓޯކަރަންސީއަށް ބަދަލުކޮށް ވަކި ވޮލެޓަކަށް ޖަމާކޮށްދޭ މެޝިނެކެވެ. މަކަރުހަދާ ފަރާތްތަކުން ޝިކާރައަކަށްވާ މީހުންނަށް ކިއުއާރު ކޯޑެއް ނުވަތަ ވޮލެޓް އެޑްރެހެއް ދިނުމަށްފަހު، ފައިސާ ޖަމާކޮށް ނިމެންދެން ފޯނުގައި ތިބެއެވެ. އަދި އެކި މެޝިންތަކަށް ފައިސާ ބަހާލައިގެން ޖަމާކުރާނެ ގޮތާއި، ބޭންކު މުވައްޒަފަކު ނުވަތަ އާއިލާ މީހަކު ސުވާލުކޮށްފިނަމަ ޖަވާބުދޭނެ ގޮތް ވެސް ކިޔައިދެއެވެ.
މިފަދަ ސްކޭމަރުން އާންމުކޮށް ގުޅަނީ ސަރުކާރުގެ އިދާރާތަކާއި، ބޭންކުތަކާއި، މާލީ އިދާރާތަކާއި، ޔުޓިލިޓީ ކުންފުނިތަކާއި، ޓެކް ސަޕޯޓް ފަދަ ތަންތަނުގެ ނަމުގައެވެ. އަދި އެމީހުންގެ އައިޑެންޓިޓީ، ކޮމްޕިއުޓަރު ނުވަތަ އެކައުންޓަށް ނުރައްކަލެއް އެބައޮތް ކަމަށް ދައްކައި ބިރުގަންނުވައެވެ. ނަމަވެސް އެއްވެސް ސަރުކާރުގެ އިދާރާއަކުން ނުވަތަ ރަސްމީ ކުންފުންޏަކުން ކްރިޕްޓޯ އޭޓީއެމް، ގިފްޓް ކާޑު ނުވަތަ ކޫރިއާ މެދުވެރިކޮށް ފައިސާ ފޮނުވަން ނާންގާނެ ކަމަށް ސީއެފްޓީސީން ވަނީ ހަނދާންކޮށްދީފައެވެ.
މި ސްކޭމްތަކުގެ ޝިކާރައަކަށް އެންމެ ގިނައިން ވެފައިވަނީ ދޮށީ އުމުރުގެ މީހުންނެވެ. އެފްބީއައިއަށް ހުށަހެޅުނު ޝަކުވާތަކުގެ 50 އިންސައްތައަށް ވުރެ ގިނައީ އުމުރުން 50 އަހަރުން މަތީގެ މީހުން ހުށަހެޅި މައްސަލަތަކެވެ. މީގެ ތެރޭގައި ހިމެނޭ ގެއްލުން 302 މިލިއަން ޑޮލަރަށް އަރައެވެ. އަދި އުމުރުން 60 އަހަރުން މަތީގެ މީހުންގެ 6،188 މައްސަލައަކުން 257 މިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ.
ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) ގެ ދިރާސާތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް 10،000 ޑޮލަރަށް ވުރެ ބޮޑެތި އަދަދުތަކުން ލިބުނު ގެއްލުމުގެ 33 އިންސައްތައަކީ ކްރިޕްޓޯއާ ގުޅުންހުރި މައްސަލަތަކެވެ.
ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ކިއޮސްކުން ދޫކުރި ރަސީދުތަކާއި، ވޮލެޓް އެޑްރެސްތަކާއި، ކިއުއާރު ކޯޑުތަކާއި، ޓްރާންސެކްޝަން ހޭޝް އަދި ދެއްކި ވާހަކަތަކުގެ މައުލޫމާތު ރައްކާކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ. އަދި ސީއެފްޓީސީގެ ޕޯޓަލް، އެފްބީއައިގެ އައިސީ3 ވެބްސައިޓް، ލޯކަލް ފުލުހުން އަދި ކިއޮސްކް އޮޕަރޭޓަރުންނަށް މިފަދަ މައްސަލަތައް އަވަހަށް ރިޕޯޓްކުރުމަށް ވަނީ އަންގާފައެވެ.
ކްރިޕްޓޯ އޭޓީއެމްތަކާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް އެމެރިކާގެ އެރިޒޯނާ ސްޓޭޓުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހެދި ގާނޫނެއްގެ ދަށުން، މިހާތަނަށް 35 މީހަކަށް ގެއްލުނު 171،332 ޑޮލަރު އަނބުރާ ހޯދައިދެވިފައިވާ ކަމަށް އެރިޒޯނާގެ އެޓާނީ ޖެނެރަލް ކްރިސް މޭއިސް ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތަކުގައި ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އޮންނާނީ ގާނޫނުގައި ބަޔާންކޮށްފައިވާ 30 ދުވަހުގެ ތެރޭގައި ރިޕޯޓްކޮށްގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.