'ޕޮލްކާ ޑޮޓްސް'ގެ ކުރެހުންތަކުން ދުނިޔެއަށް މަޝްހޫރުވި ޖަޕާނުގެ ފަންނުވެރިޔާ ޔަޔޯއީ ކުސާމާ މަރުވެއްޖެ

ޖަޕާނުގެ މަޝްހޫރު ކުރެހުންތެރިޔާ ޔަޔޯއީ ކުސާމާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

"ޕޮލްކާ ޑޮޓްސް" ނުވަތަ ބޮޑެތި ތިކިތަކުގެ ހާއްސަ ކުރެހުންތަކުން ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖަޕާނުގެ މަޝްހޫރު ކުރެހުންތެރިޔާ ޔަޔޯއީ ކުސާމާ، އުމުރުން 97 އަހަރުގައި މަރުވެއްޖެއެވެ.

އޭނާގެ ސްޓޫޑިއޯއިން އިއްޔެގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ކުސާމާ މަރުވެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ޓޯކިޔޯގެ ހޮސްޕިޓަލެއްގައެވެ.

"އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަސްތަކާ ހަމައަށްވެސް، ފަންސުރާއި ފިހި ދޫކޮށްނުލައްވައި، ލޯތްބާއި ރޫޙާނީ ފުން އިހުސާސްތައް ދައްކުވައިދޭ ކުރެހުންތައް އައީ އުފައްދަމުން. އަޅުގަނޑުމެން ދެމިތިބޭނީ ކުސާމާގެ ފަންނީ ތަސައްވުރު ދަމަހައްޓައި، އޭނާގެ ފަންނުވެރިކަމުގެ ޒަރީއާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ކުރިމަގަށްޓަކައި އުންމީދާއި ހިތްވަރު ފޯރުކޮށްދިނުމުގައި" ކުސާމާގެ ސްޓޫޑިއޯއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކުސާމާ ކުރެހުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޖަޕާނުގެ އެންމެ އިހުތިރާމް ލިބިގެންވާ ޒަމާނީ ފަންނުވެރިންގެ ތެރޭގައި ހިމެނޭ ކުސާމާގެ މަސައްކަތްތައް ނިއުޔޯކްގެ "މިއުޒިއަމް އޮފް މޮޑަން އާޓް" (މޯމާ) އަދި "ވިޓްނީ މިއުޒިއަމް އޮފް އެމެރިކަން އާޓް" ފަދަ ދުނިޔޭގެ އެންމެ ފުންނާބުއުސް މައުރަޒުތަކުގައި ވަނީ ދައްކާލާފައެވެ.

އޭނާގެ ފަންނީ އުފެއްދުންތަކުގެ ތެރެއިން 2008 ވަނަ އަހަރު ކްރިސްޓީޒްއިން ވަނީ ކުރެހުމެއް 5.8 މިލިއަން އެމެރިކާ ޑޮލަރަށް ނީލަން ކިޔާފައެވެ. އަދި 2016 ވަނަ އަހަރު، ޖަޕާނުގެ ފަންނުވެރިންނަށް އަރުވާ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "އޯޑަ އޮފް ކަލްޗަ" ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ކުސާމާގެ ކުރެހުންތަކުގެ އެންމެ ހާއްސަ ސިފައަކީ ތަކުރާރުވާ ތަފާތު ބައްޓަންތަކެވެ. ހާއްސަކޮށް ދަލުގެ ބައްޓަމާއި، އެނބުރޭ ބައްޓަންތަކުގެ އިތުރުން ކުލަގަދަ ތިކިތަކެވެ. ދެހާސްބާރަ ވަނަ އަހަރު އެސޯސިއޭޓެޑް ޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ކުސާމާ ވިދާޅުވީ، އޭނާ ކުރަހަނީ އޭނާއަށް ދުނިޔެ ފެންނަ ގޮތަށް ކަމަށެވެ. އެއީ ކުޑައިރުއްސުރެ އޭނާއަށް ފެންނަ "ހަލޫސިނޭޝަންސް" ނުވަތަ ޚިޔާލީ ސޫރަތަކުގެ ސަބަބުން ތިކިތަކުން ފުރިފައިވާ ދުނިޔެއެއް ކަަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް 10 ވަރަކަށް އަހަރު މަރުކަޒުތަކުގައި ހޭދަކުރަން ޖެހުނު ނަމަވެސް، އެކަމުން އޭނާގެ ފަންނީ ދަތުރަކަށް ހުރަހެއް ނޭޅުނެވެ. އެގޮތުން 1957 ވަނަ އަހަރު ފަންނުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ނިއުޔޯކަށް ހިޖުރަކުރި ޖަޕާނުގެ ފުރަތަމަ އަންހެނުންގެ ތެރޭގައި އޭނާ ހިމެނެއެވެ. އެ ދުވަސްވަރު ފަގީރުކަމާއި އެކަހެރިކަމުގައި ދުވަސްތައް ހޭދަކުރަން ޖެހުނު ނަމަވެސް އޭނާ ފަސްނުޖެހި އަމިއްލަ ސްޓައިލް ދެމެހެއްޓިއެވެ.

ފަހުގެ އަހަރުތަކުގައި އޭނާގެ ފަންނުވެރިކަން ދުނިޔޭގެ ސަމާލުކަމަށް އިތުރަށް އައީ "ލުއީ ވުޓޮން" ފަދަ މަޝްހޫރު ފެޝަން ބްރޭންޑްތަކާ ގުޅިގެން ކުރި މަސައްކަތްތަކުންނާއި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެތީގައި އޭނާގެ ކުރެހުންތައް ހިމަނަން ފެށުމުންނެވެ.

ކުރެހުމުގެ އިތުރުން ފިލްމު އުފެއްދުމާއި ވާހަކަ ލިޔުމުގެ ދާއިރާގައިވެސް މަސައްކަތް ކުރެއްވި ކުސާމާއަކީ، އޭނާގެ އަމިއްލަ އިހުސާސްތަކާއި ހިޔާލުތައް ފަންނުވެރިކަމުގެ ތެރެއިން ދުނިޔެއަށް ދޫކޮށްދިޔަ ތާރީހީ އަދި ނުފޫޒުގަދަ ޝަހުސިއްޔަތެކެވެ.

comment ކޮމެންޓް