ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި އަންހެނެއްގެ ހަށިގަނޑު ދަމައި، އޭނާ އަޅައިގެން ހުރި ރަން ގަހަނާތައް ފޭރުނު ދެ މީހަކު އެ ޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގި މަންޒަރު ފެންނަ 41 ސިކުންތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ގިނަ އަދަދެއްގެ އާންމުންގެ ނުރުހުމާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، ދެ ފިރިހެނަކު ވެގެން އެ އަންހެންމީހާގެ އިސްތަށިގަނޑުގައި ހިފައި ދަމާފައި ގެންދިއުމަށްފަހު، އޭނާގެ ދެ ކަންފަތުގައި އޮތް ރަން މުދި ވަނީ ގަދަކަމުން ނައްޓުވާލައިފައެވެ. މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ ބަޔަކު ތިބި ނަމަވެސް، އެ އަމަލު ހުއްޓުވުމުގެ ބަދަލުގައި ގިނަ މީހުން މަސައްކަތްކުރީ ފޯނުން މަންޒަރު ރެކޯޑު ކުރުމަށެވެ.

މަރުވި އަންހެނެއްގެ ހަށިގަނޑު ދަމައި ކުޑައިމީސްކޮށް، އޭނާ އަޅައިގެން ހުރި ރަން ގަހަނާތައް ފޭރުނު މަންޒަރު ފެންނަ ވީޑިއޯގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/އިންޑިއާޓުޑޭ
މައްޔިތާގެ ހުރުމަތް ކަނޑައި، ހިންގި މި ދަށު ދަރަޖައިގެ ވައްކަމުގެ އަމަލު ކުށްވެރިކޮށް ނޭޕާލް ފުލުހުން 'އެކްސް'ގައި ބުނެފައިވަނީ، ވީޑިއޯއިން ފެންނަ ދެ މީހުން ދެނެގަނެވި މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ފަހުގެ ތާރީޚެއްގައި ނޭޕާލަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގެ ތެރޭގައެވެ. ނޭޕާލާއި ޓިބެޓްގެ ސަރަޙައްދުތަކަށް ކުރިމަތިވި މި ކާރިސާގައި މިހާތަނަށް 579އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު، 1,924 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.
މި ކާރިސާގައި ގިނަ އަދަދެއްގެ މީހުން ތާށިވެފައިވާއިރު، އޭގެ ތެރޭގައި އިންޑިއާގެ ރައްޔިތުންވެސް ހިމެނެއެވެ. މަގުތަކާއި ފާލަންތައް ހަލާކުވެ، ކިސަޑު ފޭބުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.