ހުޅުމާލެ އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖާ މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް-7 ކައިރި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ކުޑަ އަންހެންކުއްޖާ މަރުވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ މިއަދު ފަތިހުގެ ވަގުތުގައެވެ. އެއީ އުމުރުން ނުވަ އަހަރުގެ، ކ.މާލެ، މ.ލެމަންޓްރީ1، ޒީވާ ސިނާން އަޙްމަދެވެ. އެއީ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ފަހަތުގައި އިން އަންހެން ކުއްޖާއެވެ. އެ ކުއްޖާގެ ހާލު ސީރިއަސްކަމުން ފަރުވާދެމުން އައީ ވެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.

ޒީވާގެ ކަށުނަމާދު އޮތީ މިއަދު މެންދުރުނަމާދަށްފަހު ހުޅުމާލެ ސަހަރާގައެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ރޭ 21:04 އެހައިކަންހާއިރު، ހުޅުމާލެ ފޭސް-2 ގެ ހިތިގަސްމަގު، ވިނަރެސް-7 ކައިރީގައެވެ.

ފުލުހުން ބުނި ގޮތުގައި އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް-7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ދެން އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް