ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ކުނާލް ކޭމޫ، ޕްރިތީ ޒިންތާ އަދި ސްޕަރްޝް ޝްރިވަސްތާ މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު "ވައިބް"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
މި ފިލްމަކީ ނުރައްކާތެރި ޖާސޫސީ މިޝަނެއްގެ ތެރެއަށް އާދައިގެ ދެ ރަހުމަތްތެރިން ވަންނަން ޖެހުމުން ހިނގާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ، އެކްޝަން އަދި ކޮމެޑީ އެކުލެވޭ ފިލްމެކެވެ.
މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
ކުނާލް ކޭމޫ ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ތަރިންގެ ގޮތުގައި ކުނާލް، ޕްރީތީ، ސްޕަރްޝް އަދި ވަންޝިކާ ދިރް ހަރަކާތްތެރިވާއިރު، ޔަޝްޕާލް ޝަރްމާ އާއި ދިނޭޝް ލާލް ޔާދަވް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ކުނާލްގެ މައިދައިތަ، ކުރީގެ މަޝްހޫރު ބަތަލާ ޝަރުމިލާ ޓޭގޯރުގެ ވެސް ހާއްސަ ފެނިލުމެއް ފިލްމުގައި ހިމަނާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އާއި ޑްރޮންގޯ ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ ހެއްވާ މަޖާ ޖޯކުތަކާއި ފޯރިގަދަ އެކްޝަން ހަރަކާތްތަކުން ފުރިގެންވާ އުފެއްދުމެކެވެ.

ފިލްމު "ވައިބް"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/އެންޑީޓީވީ
ފިލްމާ ގުޅޭގޮތުން ޑައިރެކްޓަރު ކުނާލް ކޭމޫ ބުނީ، މިއީ މުޅި އާއިލާ އަށާއި އެކުވެރިންނަށް އެކުގައި ސިނަމާގައި ބަލައިލެވޭނެ ފަދަ، ހުރިހާ ރަހައެއް އެކުލެވޭ ފުރިހަމަ މުނިފޫހިފިލުވުމެއް ކަމަށެވެ. އަދި އާދައިގެ ދެ މީހަކު އެމީހުންނަށް ކޮންޓްރޯލް ނުކުރެވޭ ފަދަ ބޮޑު ކަމެއްގެ ތެރެއަށް ވެއްޓުމުން ދިމާވާ ހެއްވާ ހާދިސާތަކަކީ މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ ބައި ކަމުގައި އޭނާ ވަނީ ބުނެފައެވެ.
ފިލްމުގައި ކުޅޭ ކެރެކްޓާއާ ގުޅޭގޮތުން ބަތަލާ ޕްރިތީ ޒިންތާ ބުނީ، އޭނާ ކުޅެފައިވާ ކެރެކްޓާ އަކީ ގައުމީ ލޯބި އެކުލެވޭ، ކޮންމެ ހާލަތެއްގައި ވެސް މަގުސަދު ހާސިލުކުރަން ފަސްނުޖެހޭ ހިތްވަރުގަދަ އަންހެނެއްގެ ކެރެކްޓާ ކަމަށެވެ. އަދި މީގެ ކުރިން ބެލުންތެރިންނަށް ފެނިފައިނުވާ ފަދަ ތަފާތު މިޒާޖެއްގެ ރޯލަކުން ފެންނާނެތީ އުފާކުރާ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ.
ގިނަ ފިލްމުތަކެއްގައި އެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކުނާލް ފިލްމު ޑައިރެކްޝަނަށް ނުކުތީ 2024ގެ ކްރައިމް ކޮމެޑީ "މަދުގާއޯ އެކްސްޕްރެސް"އިންނެވެ. މީގެ ދެވަނަ ބައެއް ހަދަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.