ނޭޕާލުގެ ޓްރިޝޫލީ ކޯރުގައި ހަދާފައިވާ ހައިޑްރޯޕަވާ ސްޓޭޝަނެއްގެ ޓަނަލެއްގައި ތާށިވެފައި ތިބި ދެ މީހަކު، ހާދިސާ ހިނގިތާ ނުވަ ދުވަސް ފަހުން ދިރިތިއްބާ މިއަދު ސަލާމަތްކޮށްފިއެވެ.
އޮގަސްޓު 26 ވަނަ ދުވަހު ޓްރިޝޫލީ ކޯރުގެ މަތީ ސަރަހައްދެއްގައި އޮތް ގްލޭޝިއަރެއް ވެއްޓި، ގަނޑުފެނާއި ހިލައާއި ކިސަޑު ފައިބައިގެން ދިޔަ މި ހާދިސާގައި 1،200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އަޕާ ޓްރިޝޫލީ 3އޭ ހައިޑްރޯޕަވާ ސްޓޭޝަންގެ ޓަނަލުން ސަލާމަތްކުރި ދެ މީހުންނަކީ މެކޭނިކަލް ފޯމަން ސަންޖޭ ޝާހް އާއި މެކޭނިކަލް ސުޕަވައިޒަރު ކަބީރު މަހަރްޖަން ކަމަށް ނޭޕާލުގެ އެނާޖީ މިނިސްޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން އާންމުކުރި މަންޒަރުތަކުން ފެންނަ ގޮތުގައި، މަހަރްޖަން ސަލާމަތްކޮށްފައިވަނީ ބިމުގައި ހެދިފައިވާ ވަޅުގަނޑެއްގެ ތެރެއިން ސްޓްރެޗަރެއްގައެވެ. އަދި ޝާހް ނެރެފައިވަނީ އެހެން މީހެއްގެ ބުރަކަށިމަތީގައެވެ.
ޓަނަލެއްގައި ތާށިވި މީހަކު ދިރިހުއްޓާ ސަލާމަތް ކުރަނީ-- ފޮޓޯ: ރޮއިޓާސްވެރިރަށް ކަތަމަންޑޫގައި ހުންނަ އަސްކަރީ ހޮސްޕިޓަލުގެ އައިސީޔޫގައި މި ދެ މީހުންނަށް ފަރުވާދެމުންދާއިރު، ދެ މީހުންގެ ހާލުވެސް ސްޓޭބަލް ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. އެނާޖީ މިނިސްޓަރުގެ އޮފީހާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި، މަހަރްޖަންގެ އަތާއި ފައި ހަރަކާތް ނުކުރެވުނު ނަމަވެސް، ޝާހްއަށް ލިބިފައިވާ އަނިޔާތައް ސީރިއަސްއެއް ނޫނެވެ.
ޝާހްއާ ހަވާލާދީ ކަތަމަންޑޫ ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓަނަލްގެ އެތެރޭގައި އިތުރު ތިން ހަތަރު މީހަކު ދިރިތިބުން އެކަށީގެންވެއެވެ. ނޭޕާލުގެ އޮފިޝަލުންނާއި މީހުން ސަލާމަތްކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ޓްރިޝޫލީ ކޯރުގައި ހިންގާ ހަ ހައިޑްރޯޕަވާ ޕްރޮޖެކްޓެއްގެ ޓަނަލްތަކުގައި މަދުވެގެން 900 މީހުން އަދިވެސް ވަނީ ތާށިވެފައެވެ.
ނޭޕާލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އަޕާ ޓްރިޝޫލީ 3އޭ ޕްރޮޖެކްޓް ސަރަހައްދުގައި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މި މަސައްކަތުގައި ނޭޕާލުގެ އަސްކަރިއްޔާއާއި ފުލުހުންގެ އިތުރުން އިންޑިއާ، ދެކުނު ކޮރެއާ އަދި ޗައިނާގެ ތަޖުރިބާކާރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ކާރިސާގައި ނޭޕާލުން މަދުވެގެން 1،252 މީހުން މަރުވެ، 4،200 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ޗައިނާގެ ޓިބެޓުން 21 މީހުން މަރުވެ 541 މީހުން ވަނީ ގެއްލިފައެވެ. ނޭޕާލުގެ ނޭޝަނަލް ޑިޒާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީގެ ވެރިޔާ ދަރްމާ ރާޖް އުޕްރެޓީ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، މި ކާރިސާގައި 387.5 ބިލިއަން ނޭޕާލް ރުޕީސް (2.56 ބިލިއަން ޑޮލަރު) ގެ ގެއްލުން ލިބިފައިވެއެވެ. އަދި ފެންބޮޑުވި ސަރަހައްދުތަކުގައި 20،000 އެއްހާ ގެ އަލުން އިމާރާތްކުރަން ޖެހޭނެ ކަމަށާއި، އޭގެ ތެރެއިން 7،500 ގެ ވަނީ އެއްކޮށް ހަލާކުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ގެއްލުނު މީހުންގެ ތެރޭގައި 583 ބިދޭސީން ހިމެނޭއިރު، އޮސްޓްރޭލިއާގެ 36 ރައްޔިތަކު ގެއްލިފައިވާތީ އެ ގައުމުގެ ތަޖުރިބާކާރުންގެ ޓީމެއްވެސް ވަނީ މީހުން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށް ނޭޕާލަށް ގޮސްފައެވެ.