ސްރީލަންކާގެ ރައްޔިތުން ހޮސްޕިޓަލްތަކުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކިބައިން ޚިދުމަތް ހޯދާ ގޮތް ބަދަލުކުރުމަށް ޓަކައި، ޕްރައިމަރީ ހެލްތު ކެއާއަށް ބިނާކޮށް އައު ސިއްހީ ނިޒާމެއް ތަޢާރަފުކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސްރީލަންކާގެ "ޑެއިލީ މިރާ" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އައު ނިޒާމު ތަޢާރަފުކުރުމަށް ނިންމަވާފައިވާކަން އިޢުލާނު ކުރެއްވީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސާނާޔަކައެވެ.
މި ގެންނަ ބަދަލާއެކު، ބަލިމީހުންނަށް އަމިއްލައަށް ބޭނުންވާ ހޮސްޕިޓަލެއް ނުވަތަ ސްޕެޝަލިސްޓް ޑޮކްޓަރެއް ޚިޔާރުކޮށްގެން ދެއްކުމުގެ ފުރުސަތު ދެން ނޯންނާނެއެވެ. އޭގެ ބަދަލުގައި، ކޮންމެ ބައްޔަކަށް ވެސް ފުރަތަމަ ދައްކަން ޖެހޭނީ ޕްރައިމަރީ ކެއާ ޑޮކްޓަރަކަށެވެ. އަދި ބަލިމީހާ އިތުރު ފަރުވާއަށް އެހެން ފެސިލިޓީއަކަށް ނުވަތަ ސްޕެޝަލިސްޓަކަށް ފޮނުވާނީ ނުވަތަ ރެފާ ކުރާނީ އެ ޑޮކްޓަރު ބެލުމަށްފަހު، އެކަން ކޮންމެހެން މުހިންމު ކަމަށް ފެނިއްޖެ ހާލަތެއްގައެވެ.
މި މަޝްރޫއުގެ ދަށުން، ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި "އާރޯގިޔާ" ގެ ނަމުގައި އަލަށް 1,000 ސެންޓަރު ގާއިމުކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މި ސެންޓަރުތައް ވާނީ އާއިލާތަކަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި އެންމެ ފުރަތަމަ ޚިދުމަތް ހޯދާ މަރުކަޒުތަކަށެވެ.
ރައީސް އަނޫރާ ކުމާރާ ވިދާޅުވީ، މިފަދަ ނިޒާމެއް ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ ކޮންމެ ބަލިމީހަކަށް ވެސް އެ މީހެއްގެ ބައްޔާ އެކަށޭނަ ފެންވަރުގެ ފަރުވާ އެންމެ ރަނގަޅު ގޮތުގައި ލިބެމުންދާކަން ކަށަވަރުކުރުމާއި، ކޮންމެހެން ދާން ނުޖެހޭ ޙާލަތްތަކުގައި ބޮޑެތި ހޮސްޕިޓަލްތަކަށް ބަލިމީހުން ދިއުން މަދުކުރުން ކަމަށެވެ.