މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގެ އިސްވެރިއަކު ވަނީ ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަންނަވަން އުޅުއްވާ ކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
މި ރަސްމީ ދަތުރުފުޅުގައި އަންވަރު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހަފުތާ ހޯމަ ދުވަހުގެ ރެއެވެ. އަދި ފުރާވަޑައިގަތުމަށް ނިންމަވާފައިވަނީ ޖެހިގެން އަންނަ އަންގާރަ ދުވަހުއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން، ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން، މުހައްމަދު ހުސައިން ޝަރީފް (މުންދު) އާ ސުވާލު ކުރުމުން މިހާތަނަށް ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އެ މަނިކުފާނު އަންނަ ހޮނިހިރާއި އާދިއްތަ ދުވަހު އިންޑިއާގައި ބާއްވާ ބްރިކްސް ސަމިޓަށް ވަޑައިގަންނަވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
މި ސަރަހައްދުގައި އެންމެ ކުރިއަރައިފައިވާ އެއް ގައުމު ކަމަށްވާ މެލޭޝިއާއަށް މިދިޔަ އަހަރުގެ އޭޕްރިލް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު ދުވަހުގެ ދަތުރުފުޅެއް ކުރެއްވިއެވެ. އެއީ ބޮޑުވަޒީރު އަންވަރު ދެއްވި ދައުވަތަކާ ގުޅިގެން އޭޕްރިލް މަހުގެ 27އިން 30އަށެވެ.
އެ ދަތުރުފުޅުގައި ރައީސް ވަނީ މެލޭޝިއާގައި ކުރިއަށްގެންދިޔަ މޯލްޑިވްސް - މެލޭޝިއާ ބިޒްނަސް ފޯރަމްގައި ތަގުރީރުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމަށް ވިޔަފާރިތަކަށް ދަޢުވަތު ދެއްވައިފައެވެ.
މީގެ އިތުރުން އެ ދަތުރުފުޅުގެ ތެރެއިން، ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައިފައިވެއެވެ. އޭގެ ތެރޭގައި ކުޅިވަރާއި ސިއްހަތާއި ފަތުރުވެރިކަމާއި ޑިޕްލޮމެޓުން ތަމްރީނު ކުރުން ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއިކުރައްވައިފައިވެއެވެ.