ޙޫޘީންގެ ޙަމަލާތަކަށް ދުވަހެއް ފަހުން ސަޢުދީގެ ދެކުނުގެ ރަށެއްގެ އެލާޓް އުވާލައިފި

ހޫތީން ދިން ހަމަލާގައި ސައުދީއަށް ގެއްލުންތަކެއް ލިބިފައި---

ޔަމަނުގެ ޙޫޘީން ދިން ޙަމަލާތަކަކަށް ފަހު، ސަޢުދީ ޢަރަބިއްޔާގެ ދެކުނުގެ ރަށެއް ކަމަށްވާ ޚަމީސް މުޝައިތުގައި ނެރެފައިވާ އެލާޓް އެ ޤައުމުގެ ސިވިލް ޑިފެންސުން މިއަދު އުވާލައިފިއެވެ.

މި އެލާޓް އުވާލާފައިވަނީ، އެ ރަށާއި ކައިރީގައިވާ އެހެން ތިން ރަށަކަށް ޙޫޘީން ދިން ޙަމަލާތަކެއްގައި 73 މީހަކު ޒަޚަމްވެ، ތެލުގެ އިންސްޓޯލޭޝަންތަކެއްގައި އަލިފާން ރޯވިތާ އެއް ދުވަސް ފަހުންނެވެ.

އިއްޔެ ޙޫޘީން ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޚަމީސް މުޝައިތުގައި އޮންނަ ވައިގެ މަރުކަޒަކަށާއި ކައިރި ރަށްތަކުގައިވާ ތެލުގެ އުމްރާނީ ވަސީލަތްތަކަށެވެ. މިއީ ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައަށް ފަހު، ސައުދީ އަރަބިއްޔާއަށް ދިން އެންމެ ބޮޑު އެއް ހަމަލާއެވެ. ބުދަ ދުވަހު ޚަމީސް މުޝައިތުގެ އެލާޓް އުވާލި ވަކި ސަބަބެއް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ހޫތީން ދިން ހަމަލާގައި ސައުދީއަށް ގެއްލުންތަކެއް ލިބިފައި---

ސައުދީ އަރަބިއްޔާއިން ސިފަކުރި ގޮތުގައި ޙޫޘީންގެ މި ހަމަލާތަކަކީ ނުރައްކާތެރި އަމަލެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހަމަލާތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނެ ކަމަށް ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ވަނީ ބުނެފައެވެ. ނަމަވެސް ޙޫޘީން ބުނާ ގޮތުގައި އެ ޖަމާއަތުން ހަމަލާދެނީ ޔަމަނުގައި ސައުދީން ހިންގާ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ޖުލައި މަހު ރަތް ކަނޑުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ހޫތީން ކަނޑުގެ ބްލޮކޭޑެއް އިއުލާންކުރުމާ ގުޅިގެން، ކޯލިޝަނުން ވަނީ ޔަމަނުގައިވާ ހޫތީންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.

ފަހުގެ ދުވަސްތަކުގައި، ސައުދީގެ ތާއީދު އޮންނަ ޔަމަނުގެ ސަރުކާރު ސިފައިން ވަނީ ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އަމާޒުކޮށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި އޮޕަރޭޝަނުގެ އަމާޒަކީ ޙޫޘީންގެ އަތްދަށުގައިވާ ހުރިހާ ސަރަހައްދެއް އަނބުރާ ހޯދުމެވެ. ޙޫޘީން ހިންގާ އަލް މަސީރާ ޓީވީން އެ ޖަމާއަތުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި ދެ ދުވަހު ޔަމަނުގެ އަލް ޖައުފްއަށް ސައުދީން ދިން ހަމަލާތަކުގައި މަދުވެގެން 21 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް މި ސަރަހައްދަށް ހަމަލާދިން ކަމެއް ސައުދީ އަރަބިއްޔާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މީގެ 12 އަހަރު ކުރިން ޔަމަނުގެ ވެރިރަށް ސަންއާއިން ސަރުކާރު ބޭރުކޮށްލުމާ ގުޅިގެން، ސައުދީ ކޯލިޝަނުން ދަނީ ޔަމަނުގެ ދެކުނުގައި ގާއިމުވެފައިވާ ސަރުކާރަށް ތާއީދުކުރަމުންނެވެ. 2022 ވަނަ އަހަރު އދ. މެދުވެރިވެގެން ގެނައި ސުލްހައިގެ އެއްބަސްވުމަށް ފަހު ހަނގުރާމަ މަޑުޖެހިފައި އޮތް ނަމަވެސް، ފަހުގެ މަސްތަކުގައި ސައުދީ އަރަބިއްޔާއާއި ޙޫޘީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް