ދުންފަތާ ދެކޮޅަށް މަސައްކަތް ކުރަން ދޭ އެހީއަށް އެދޭ މުއްދަތު އިތުރުކޮށްފި

ކަސްޓަމްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ނައްތާލުން: --- ސަން ފޮޓޯ/ މާނިއު މުހައްމަދު

ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށާއި ޖަމާއަތްތަކަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޭ މާލީ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 24ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ކުރިން އޮތް ގޮތުން އެ މުއްދަތު ހަމަވަނީ މިއަދުގެ ނިޔަލަށެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، މި އެހީއަށް އެދި ހުށަހެޅުމުގެ މަރުހަލާ ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ހުށަހަޅަންޖެހެނީ ކޮންސެޕްޓް ނޯޓާއި، ޖަމިއްޔާގެ ރަޖިސްޓަރީގެ އިތުރުން އަސާސީ ގަވާއިދެވެ. މި މަރުހަލާއިން ޝޯޓްލިސްޓުވާ ފަރާތްތަކަށް ތަފްސީލީ ޕްރޮޕޯސަލް ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދޭނެއެވެ.

ދެވަނަ މަރުހަލާގައި ހުށަހަޅާ ޕްރޮޕޯސަލްގައި ބަޖެޓުގެ ތަފްސީލާއި، ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތާއި، މަސްލަހަތު ފުށުނާރާ ކަމުގެ ބަޔާނެއް ހިމަނަންޖެހެއެވެ. އަދި ގުޅިގެން ހުށަހަޅާ އެޕްލިކޭޝަނެއް ނަމަ، ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުން ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.

https://www.sun.mv/226041

ކޮންސެޕްޓް ނޯޓު ހުށަހަޅާ ސުންގަޑި ހަމަވާތާ ހަތް ދުވަހުގެ ތެރޭގައި ޝޯޓްލިސްޓުވާ ފަރާތްތަކަށް އެކަން އަންގާނެއެވެ. އަދި އެހީ ލިބޭ ފަރާތްތައް ކަނޑައަޅައި އިއުލާނުކުރާނީ ތަފްސީލީ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާތާ 60 ދުވަހުގެ ތެރޭގައެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ހަރަކާތްތަކަށް އެޗްޕީއޭއިން ވަނީ އަހަރަކު ތިން މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. މި ބަޖެޓުގެ ދަށުން، ވަކި ރަށަކަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް 75،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާނެއެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް 100،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ދެމެދުގެ އެހީއެއް ދޭއިރު، ފުޅާ ދާއިރާއެއްގައި ހިންގާ ބޮޑެތި ޕްރޮގްރާމްތަކަށް 300،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ދެމެދުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް