މާލޭގެ ގ. ޕެލިކަން ގޭގައި މަސްތުވާތަކެތި ބޭނުންކުރުމަށާއި އޭގެ ވިޔަފާރި ކުރުމަށް ފުރުސަތުދީ އެކަމަށް ހުއްދަދިންކަން ސާބިތުވެ، އެ ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހީމް ނާއިމް، 10 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ހުއްދަ ދިން މީހަކު ޖަލަށް ލުމަށް ރާއްޖޭގައި ކުރި ފުރަތަމަ ހުކުމެވެ.
ކްރިމިނަލް ކޯޓުގެ ގާޟީ މުހައްމަދު މިސްބާހް އިއްޔެ އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ރޭގަނޑު ފުލުހުން ގ. ޕެލިކަން ގެ ބަލައި ފާސްކުރުމުން ފެންމަތިވި މައްސަލައެކެވެ. ފުލުހުން އެ ގޭގެ ގްރައުންޑް ފްލޯއަށް ވަންއިރު އެތަނުގައި ދެ މީހަކު ތިބިކަމަށާއި، އެތަނުގެ އެކި ދިމަދިމާލުން ކެނެބިސް އަޅާފައިވާ ގިނަ އަދަދެއްގެ ސެލޯފިންކޮޅުތަކަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށް ކޯޓުގެ ލިޔުންތަކުން ދައްކައެވެ. މީގެ ތެރޭގައި ފާޚާނާ ތަށި ތެރެއިންނާއި ގުލީގެ ތެރެއިން ފެނުނު 16.7 ގްރާމްގެ ކެނެބިސް ހުރި ޕެކެޓުތަކާއި، އަށިމަތިން ފެނުނު 9.6 ގްރާމްގެ ކެނެބިސް ހުރި ޕެކެޓުތައް ހިމެނެއެވެ. މިއީ ކުދިކޮށް ބައިބަޔަށް އަޅައި ވިއްކުމަށް ތައްޔާރުކޮށްފައިވާ ތަކެތިކަމަށް ތަހުލީލު ރިޕޯޓުތަކާ ހަވާލާދީ ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ދައުވާލިބޭ އިބްރާހީމް ނާއިމް ބުނެފައިވަނީ އެ ތަނަކީ އޭނާ ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި، އެތަނުގައި ހިނގާ ކަންކަން އޭނާއަށް ނޭނގޭނެ ކަމަށެވެ. ނަމަވެސް ކޯޓުން ފާހަގަކުރި ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން އެ ގޭގައި މަސްތުވާތަކެތީގެ ކުށްތައް ހިންގަމުންދާތީ ފުލުހުން ވަނީ ތަފާތު އެކި ފަހަރުމަތިން އިބްރާހީމް ނާއިމްއަށް ނޯޓިސް ދީފައެވެ. އަދި ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ޚިލާފު އަމަލުތައް ހިންގާތީ އެއްބަސްވުން ބާޠިލުކުރުމުގެ އިޚުތިޔާރު އޮތް ނަމަވެސް، އޭނާ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން، ކުށުގެ ވެށީގެ ރިޕޯޓަށް ރިއާޔަތްކޮށް ކޯޓުން ބުނެފައިވަނީ، އެ އެޕާޓްމަންޓުގައި ނިދާނެ ތަންމަތިގަނޑެއް އަދި ކައްކައި ކައިބޮއި ހަދާނެ ސާމާނެއް ނެތް ކަމަށާއި، އެ ތަނުގައި ހުރީ ހަމައެކަނި ގޮނޑިއާއި މޭޒު ކަމަށެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން އިބްރާހީމް ނާއިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އަދަބާ ގުޅޭގޮތުން ވާހަކަދައްކަން ލިބުނު ފުރުސަތުގައި އޭނާ ބުނެފައިވަނީ މިއީ ނުހައްގުން ދިން އަދަބެއް ކަމަށާއި، ހައްގު ނުހައްގު އެނގޭނީ މަހްޝަރު ދުވަހުން ކަމަށެވެ.
މާލޭގެ އެތައް ގެއެއް ޑްރަގް ކެފޭގޮތުގައި ހިންގާތީ ފުލުހުން ވަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގައި އެފަދަ އެތައް ތަނެއް ބަންދުކޮށްފައެވެ.