ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަސް އެވޯޑު 2026" ގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް، މަރްޙޫމް އަޙްމަދު މަހްރީނަށް އަރުވައިފިއެވެ.
ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ އިންޖިނިއަރިން އެވޯޑު ރަސްމީކޮށް އިފްތިތާޙުކޮށް ބޭއްވި މި ފުރަތަމަ ރަސްމިއްޔާތުގައި އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މަރްޙޫމް އަޙްމަދު މަހްރީނަށް އެރުވީ، 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދިވެހިރާއްޖޭގެ އިންޖިނިއަރިން އަދި ވައިގެ ދަތުރުފަތުރާ ގުޅޭ އުމްރާނީ ތަރައްގީއަށް އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މި އެވޯޑާ ހަވާލުވީ މަހްރީނުގެ ދޮށީ ދަރިކަނބަލުން ފަރުމަދު ޝަންނަމްއެވެ.
މަހްރީނަކީ ރީޖަނަލް އެއާޕޯޓްސްގެ އިސް މަގާމުތަކުގެ އިތުރުން ސަރުކާރުގެ އެކި އިސް މަގާމުތައް ފުރުއްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު ބޮޑެތި ޢުމްރާނީ މަޝްރޫޢުތަކުގައި ޢަމަލީ ގޮތުން އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެއާއެކު މި އެވޯޑަކީ އޭނާގެ ހަނދާނަށް ކުރެވޭ އިޙްތިރާމާއި، ގައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ އާކުރުމުގެ ގޮތުން އެމަނިކުފާނުގެ ޢާއިލާއާ ޙިއްޞާކުރެވުނު މުހިންމު އެވޯޑެކެވެ.