މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާ ގޮސް، ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓުތަކެއް އުރުނު ނުރައްކާތެރި ހާދިސާއެއް ރޭ ހިނގާފައިވާއިރު، މި ބޯޓުތަކާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބަހެއް ހޯދަން ތަކުރާރުކޮށް ކުރި މަސައްކަތުން ވެސް އެ އިދާރާގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.
ރޭ ގާތްގަނޑަކަށް 10:30 ހާއިރު ހިނގި މި ހާދިސާގައި އޮޔާ ގޮސްފައި ވަނީ ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުމުން އަތުލައިގެންފައިވާ ދެ ބޯޓުކަން "ސަން" އަށް ވަނީ އެނގިފައެވެ.
މޫސުން ގޯސްވެ، ވައިބާރުވެ ކަނޑުގަދަވުމުގެ ސަބަބުން ކޮންޓްރޯލް ގެއްލިގެން މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުން ދެ ބޯޓު އޮޔާ ގޮސް، އޭގެ ތެރެއިން އެއް ބޯޓު ވަނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިފައެވެ. މި ހާދިސާގައި ބްރިޖަށާއި ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ރޭ ބުނި ގޮތުގައި، ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް ކަސްޓަމްސްއާ ހަވާލުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އެ ދެ ބޯޓަކީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެ އުޅަނދު ކަމަށްވާތީ، މި ބޯޓުތަކާއި ގުޅޭ އިތުރު މައުލޫމާތު ދޭނީ ކަސްޓަމްސްއިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެހެން ނަމަވެސް، މި ހާދިސާއަށް 24 ގަޑިއިރު ވެގެން ދިޔައިރު ވެސް ކަސްޓަމްސްއިން އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނަމާލެ ބްރިޖަށް އުރުނު މި ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން ތިއްބެވެ. އެއީ "ކޭޖީ 1" ގައި ތިބި 9 މީހުންނާއި "އޭއެލް 1" ގައި ތިބި 11 މީހުންނެވެ.
މި މީހުންނަށް ކާބޯތަކެއްޗާއި ފެނާއި ތެޔޮ ހުސްވެ، ހާލުގައި ޖެހިފައިވާތީ އިންސާނީ އެހީތެރިކަމަށް އެދި އިންޑިއާގެ ނޭޝަނަލް ޔޫނިއަން އޮފް ސީފެއަރާސް (ނޫސީ) އިން މިދިޔަ ޖުލައި މަހު ވަނީ ގޮވާލައިފައެވެ. އަދި ބޯޓުތަކުގެ ނަގިލި ކަނޑައިގެން ގޮސް، ފަޅުވެރިންނާއި ކައިރީގައިވާ އެހެން އުޅަނދުތަކަށް ނުރައްކާ އޮތް ކަމަށް ވެސް އެ ޔޫނިއަނުން އޭރު ބުނެފައިވެއެވެ.
މި މީހުންގެ މައުލޫމާތު އެނގޭ ރަސްމީ ފަރާތަކުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި، ބޯޓުގައި ތިބި މީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. އަދި 20 މީހުންގެ ތެރެއިން ގިނަ މީހުން ފުރައިގެން ގޮސްފައިވާއިރު، މިހާރު ތިބި 9 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހާދިސާ ހިނގި ސަރަހައްދުގައި ކޯސްޓުގާޑުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާއި ގުޅިގެން ގިނަ ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާއިރު، މި ހާދިސާއާއި ގުޅިގެން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯޓުތައް އުރުމާ ގުޅިގެން ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އިން ރެއާއި މިއަދު ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.
އެ އިންސްޕެކްޝަންތަކުން އެނގުނު ގޮތުގައި، ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ކުދިކުދި ކޫރު އެޅިފައި ހުރި ކަމަށް މުއްތަލިބް ލިޔުއްވާފައިވެއެވެ. އެ ކޫރުތައް ބުރިޖު ބަލަހައްޓާ ސީއެޗްއީސީއިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަރާމާތުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓުމަކީ ދެ ބުރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކަށް ނުރައްކާވެ، މި ސަރަހައްދުގެ ދިރިއުޅުމަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށެވެ.
މިފަދަ ހާދިސާއެއް ހިނގުމުގެ ރައްކާތެރިވުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.